ށ. ޅައިމަގުން ނެގި ރޭންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ށ. ޅައިމަގަށް އަރާ ފޭބުން މިއަދު މަނާކޮށްފި އެވެ.

އެރަށު ކައުންސިލުން ބުނީ، ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ރަށު ތެރެއިން ނެގި ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ޕޮޒިޓިވްވެފައިވާ މީހާއަކީ ބަލީގެ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދައްކައި ސާމްޕަލް ނެގި މީހެއް ކަމަށާއި އޭނާގެ އިތުރުން ވެސް އެހެން މީހަކު ރަށު ތެރެއިން ޕޮޒިޓިވްވެފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

ޅައިމަގުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ހަ މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ކަރަންޓީނުގައި ހުއްޓާ އަލާމާތްތަކެއް ފެނިގެން ސާމްޕަލް ނަގައިގެން ޕޮޒިޓިވްވެފައިވާ މީހަކާއި ކަރަންޓީނުގެ މުއްދަތު ނިންމާލުމަށްފަހު ސާމްޕަލް ނެގި ތިން މީހެއްގެ އިތުރުން ރަށު ތެރެއިން ޕޮޒިޓިވްވެފައިވާ ދެ މީހެކެވެ.

ރަށުން ޕޮޒިޓިވް ކޭސްތަށް ފެނުމާއި ގުޅިގެން އެފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ސިއްހީ މަރުކަޒުން ކުރަމުން އަންނަ ކަމަށެވެ. ސާމްޕަލްތަށް ޓެސްޓް ހެދުމަށް ފޮނުވަނީ ފުނަދޫ އަށެވެ. ކައުންސިލުން ބުނީ އެގޮތަށް ސާމްޕަލް ފޮނުވަން ބައެއް ކަހަލަ ދަތިތައް ހުންނަ ކަމަށެވެ. އެގޮތުން ސިއްހީ މަރުކަޒުގެ ބަޖެޓުގެ ތާށިކަން ވަކިން ފާހަގަކުރި އެވެ.