ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި 12،000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރަސްމީ ސަރުކާރުގެ ވެބްސައިޓުގައި މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 17 ނޮވެމްބަރު 2023 އިން ފެށިގެން މި އަހަރުގެ ޖޫން 13 ގެ ނިޔަލަށް ޖުމްލަ 12,552 ބިދޭސީން ވަނީ ފޮނުވާލާފައެވެ. މީގެ ތެރޭގައި ގާނޫނާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުން ދިޔަ މީހުންނާއި، ލިޔެކިޔުންތައް ފުރިހަމަނުވާ ގިނަ އަދަދެއްގެ ބަޔަކު ހިމެނޭއިރު، މީގެ ތެރެއިން ބައެއް މީހުން ޑީޕޯޓުކޮށްފައިވާއިރު އަނެއް ބަޔަކު ފޮނުވާލާފައި ވަނީ އެ ނޫން ވެސް ގޮތް ގޮތަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގާ ޚާއްސަ އޮޕަރޭޝަން "ކުރަނގީ" ގެ ދަށުން މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުން ފެށިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެ ނަމަ، އެއްވެސް އިތުރު ފުރުސަތެއް ދިނުމެއް ނެތް ގޮތަށް ސީދާ ޑީޕޯޓުކޮށްލުމެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ވެސް ހަރުދަނާކަމާއެކު ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ވިޔަފާރިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިން ދެއްކުމަށް އަންގާފައިވާއިރު، މިހާރު ފީ ނުދެއްކި ތިބި ފަރާތްތަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ވެސް ދަނީ ހަމަޖައްސައިދެމުންނެވެ. މީގެ ކުރިން ސަރުކާރުން ކުރިއަށްގެންދިޔަ މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން، ވަޒީފާގެ ހުއްދަ ނެތް މީހުންނާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ މީހުންގެ އިތުރުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް ވެސް ގާނޫނުގެ ތެރެއަށް ވަދެ ގަވާއިދާ އެއްގޮތަށް ރާއްޖޭގައި އުޅުމުގެ ފުރުސަތު ދީފައިވެ އެވެ.