ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ހާން، އޭނާގެ ބައިވެރިޔާ ގޯރީ ސްޕްރެޓްއާ ކައިވެނި ކުރުމާ ގުޅިގެން އަމާޒުވި ފަތުވާއާއި "ލަވް ޖިހާދު"ގެ ތުހުމަތުތަކަށް އޭނާ ރައްދު ދީފި އެވެ.

މުމްބާއީގެ ބެންޑްރާގައި ހުންނަ އާމިރުގެ ގޭގައި، ޖޫލައި 5 ވަނަ ދުވަހު ބޭއްވި ސިއްރުވެރި ކައިވެނީގެ ހަފުލާއަށްފަހު، އެކި ފަރާތްތަކުން ވަނީ މި ކައިވެންޏަށް ފާޑުކިޔަން ފަށާފަ އެވެ. މި ކައިވެނި ކުރެވުނީ އިންޑިއާގެ "ސްޕެޝަލް މެރޭޖް އެކްޓް"ގެ ދަށުންނެވެ.

މި ކައިވެންޏާ ގުޅިގެން މަހާރާޝްޓްރާގެ ބީޖޭޕީ މިނިސްޓަރު ނިތޭޝް ރާނޭ ވަނީ މިއީ "ލަވް ޖިހާދު" ގެ އަމަލެއް ކަމަށް ސިފަކޮށްފަ އެވެ.

މީގެ އިތުރުން، މުސްލިމް ޕާސަނަލް ދާރުލް އިފްތާގެ ޝާހީ ޗީފް މުފްތީ މައުލާނާ އިބްރާހީމް ހުސައިން ވަނީ އާމިރާ ދެކޮޅަށް ފަތުވާއެއް ނެރެފަ އެވެ.

އެ ފަތުވާގައިވާ ގޮތުން، އިސްލާމީ ޝަރީއަތުގެ ދަށުން މުސްލިމް ފިރިހެނަކަށް، އިސްލާމްދީނަށް ނުވަންނަ ޣައިރު މުސްލިމް އަންހެނަކާ ކައިވެނި ނުކުރެވޭނެ އެވެ.

މި ތުހުމަތުތަކަށް ރައްދު ދެމުން ރެޑިފްއަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނީ، އޭނާގެ އާއިލާއަކީ އެންމެން ބަލައިގަންނަ، ތަފާތު ދީންތަކުގެ މީހުން އުޅޭ އާއިލާއެއް ކަމަށެވެ.

"ތެދަށް ބުނާނަމަ، އަހަރެމެންގެ އާއިލާއަކީ އެންމެން ބައިވެރިވާ އާއިލާއެއް. މަގޭ ދެ އަންހެން ކޮއްކޮވެސް ކައިވެނި ކޮށްގެން އުޅެނީ ހިންދޫންނާ. މަގޭ އަންހެން ދަރިފުޅުވެސް އިނދެގެން އުޅެނީ ހިންދޫއަކާ. އަދި މަގޭ ދެބެންގެ ދެދަރި މަންސޫރު އިނދެގެން އުޅެނީ ކްރިސްޓިއަނަކާ،" އާމިރު ބުންޏެވެ.

އާމިރު އިތުރަށް ބުނެފައިވަނީ އޭނާ ކުރިން ކައިވެނިކުރި އެއްވެސް އަންހެނަކު އިސްލާމް ދީނަށް ބަދަލުވެފައި ނުވާނެ ކަމަށެވެ. ސަބަބަކީ އެ ހުރިހާ ކައިވެންޏަކީވެސް ސިވިލް ކައިވެނިތަކަކަށްވާތީ އެވެ.

"ގޯރީ، ކިރަން، ނުވަތަ ރީނާވެސް ދީން ބަދަލެއް ނުކުރޭ. ގޯރީއަކީ ހިންދޫއެއްވެސް ނޫން، އޭނާއަކީ ކްރިސްޓިއަނެއް. އަދި ވަކި ދީނީ ކަންކަން ވަރަށް ބޮޑަށް އަމަލީ ގޮތުން ކުރާ މީހެއްވެސް ނޫން. ދުވަސްވީ ވަރަކަށް ދިރިއުޅުން މިދަނީ މާ މަޖާ (ކޮމިކަލް) ވަމުން،" އާމިރު ހާމަކުރި އެވެ.

އާމިރުއާއި ގޯރީގެ ގުޅުން އެންމެ ފުރަތަމަ އާންމުކޮށް ހާމަކުރީ އާމިރުގެ 60 ވަނަ އުފަން ދުވަހު އެވެ. އޭނާ ބުނެފައިވަނީ ދެމީހުން ދަންނަތާ 25 އަހަރުވެފައިވާ ކަމަށާއި، އަލުން ގުޅުނީ ވަރަށް ފަހުން ކަމަށެވެ.