ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.

ޕީސީބީން ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އެ ކުންފުންޏެއްގެ މަސައްކަތާ އެކަށީގެންވާ މިންވަރަކަށް ތިލަކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ނެރުނު ސާކިއުލާއަކާ ހަވާލާދީ، މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މިހާރު ވަނީ އަމުރުކޮށްފަ އެވެ.

މި އިސްލާހީ ފިޔަވަޅުތައް ތަންފީޒުވަމުންދާ މިންވަރު ބެލުމަށްޓަކައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ފޮނުވަންޖެހޭނެ ކަމަށްވެސް އެ ބޯޑުން ބުނެއެވެ. ޕީސީބީން ބުނި ގޮތުގައި މިއީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުން އެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.

މި އެންގުމަށް އަމަލުކުރުން ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަކަށާއި ވިޔަފާރި އުސޫލުން ހިންގާ ދައުލަތުގެ ތަންތަނަށް ގާނޫނީގޮތުން ލާޒިމުވާނެއެވެ. މި ފިޔަވަޅު ހަރުކަށިކޮށް ތަންފީޒުކުރަން ފަށާފައި މިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިމުމާ ދިމާކޮށްކަން ފާހަގަކުރެވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބައެއް ކުންފުނިތަކުން މިހާރު ވަނީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލުމުން އެކަމަށް އެދިފައިވަނީ ވަރަށް މަދު ބައެކެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ފިޔަވަޅު އަޅަން ފަށާފައިވާއިރު، މި ސަރުކާރު އައިފަހުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދާއި ސިޔާސީ މަގާމުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގި ނަމަވެސް، ރައީސް އޮފީހުން އަދި އެ މައުލޫމާތު ހާމައެއް ނުކުރެއެވެ.