އެމެރިކާއާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގުޅިގެން، އަސްކަރީ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމަށް ހާއްސަ ޓާސްކް ފޯހެއް އުފެއްދުމަށް ނިންމައިފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، މި ޓާސްކް ފޯހުގެ މައިގަނޑު މަގުސަދަކީ ޖާސޫސީ މައުލޫމާތު އެއްކުރުމާއި، މުހިންމު ވަސީލަތްތައް ރައްކާތެރިކުރުމުގެ އިތުރުން ސަރަހައްދީ ސަލާމަތީ މަޝްރަހު ބެލެހެއްޓުމުގައި އޭއައިގެ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމެވެ.
މިކަމާ ގުޅޭގޮތުން ސެންޓްކޮމްގެ އިސްވެރިޔާ އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވީ، މިއީ ސަރަހައްދީ ގޮތުން އެންމެ ގާބިލް އެއް ބައިވެރިޔާއާއެކު އޭއައިގެ ކުރިއެރުންތައް އަސްކަރީ މައިދާނަށް ހަލުވިކަމާއެކު ގެނައުމަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށެވެ.
"ޓާސްކް ފޯސް ޓެލަން ސައިނެޕްސް" ގެ ނަމުން ނަންދެވިފައިވާ މި މަޝްރޫއު ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ރަސްމީކޮށް ފެށޭނެ ކަމަށް ބެލެވެއެވެ. އަބޫދާބީގައި ގާއިމުކުރެވޭ މި ޓީމުގައި އޭއައި، ޑޭޓާ، އަދި ސައިބާ ސެކިއުރިޓީގެ ދާއިރާއިން ފަންނީ ތަޖުރިބާ ލިބިފައިވާ އެމެރިކާއާއި ޔޫއޭއީގެ 20 މުވައްޒަފުން ހިމެނޭނެއެވެ.
އެޑްމިރަލް ކޫޕާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭއައިގެ އެހީގައި އާ އީޖާދުތައް ބޭނުންކޮށްގެން ދިފާއީ ކަންކަން ވަރުގަދަކުރުމަށް ޔޫއޭއީގެ ބައިވެރިންނާއެކު ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެއެވެ.
މި ޓާސްކް ފޯސް އުފެއްދުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށިފައިވަނީ މިދިޔަ އަހަރު ކޫޕާ އާއި ޔޫއޭއީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝައިޚް ތަހުނޫން ބިން ޒައިދުއާ ދެމެދުގަ އެވެ. އަދި މިދިޔަ މަހު ސެންޓްކޮމްގެ ވަފުދެއް ޔޫއޭއީއަށް ކުރި ޒިޔާރަތުގައި އެ ގައުމުގެ ދިފާއީ އިސްވެރިންނާއި ސިނާއީ ދާއިރާގެ ބޭފުޅުންނާ ބައްދަލުކޮށް މިކަމުގެ އިތުރު ތަފުސީލުތައް ވަނީ ކަނޑައަޅާފަ އެވެ.
ހަންގަނޑު ހިކެނީ އޭސީގެ ސަބަބުން ކަމަށް ވެދާނެ!
މާލޭގައި ކުނި ގިނަވާތީ ކައުންސިލަރުން ވެމްކޯއަށް
ތިލަފުށީގެ ކުނި ކުނބުރުދުއަށް ގެންދާތީ ހުށަހެޅި މައްސަލަ ބޭރު
