ކުދިންނަށް ބޭނުންވާ މިންވަރަށް ނިދި ނުލިބުމަކީ ހަމައެކަނި އެ ކުދިންގެ ސިއްހަތަށް އެކަނި އަސަރުކުރާ ކަމެއް ނޫނެވެ. މިއީ މުޅި އާއިލާގެ އުފާވެރިކަމާއި، މައިންބަފައިންގެ ނިދުމާއި ނަފްސާނީ ދުޅަހެޔޮކަމާ ވެސް ސީދާ ގުޅިފައިވާ ކަމެކެވެ.

އެމެރިކާގެ 'ނޭޝަނަލް ސްލީޕް ފައުންޑޭޝަން' އިން ދާދި ފަހުން އާއްމު ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ކުޑަކުދިންގެ ތެރެއިން 44 ޕަސެންޓް ކުދިންނަށް އެ ކުދިންގެ އުމުރާ އެކަށީގެންވާ ވަރަށް ނިންޖެއް ނުލިބެ އެވެ.

މި ދިރާސާއިން އެނގުނު އެންމެ ބޮޑު އެއް މައްސަލައަކީ، ކުދިންނަށް ދުވާލަކު ބޭނުންވާ ނިދީގެ މިންވަރު މައިންބަފައިންނަށް ރަނގަޅަށް އަންދާޒާ ކުރެވިފައި ނުވުމެވެ.

ކުދިންނަށް އުމުރާ އެކަށީގެންވާ ވަރަށް ނިދި ބޭނުންވަނީ ކިހާވަރަކަށް؟

މާހިރުން އިރުޝާދު ދެއްވާ ގޮތުގައި ތަފާތު އުމުރުފުރާތަކުގެ ކުދިންނަށް 24 ގަޑިއިރު ތެރޭގައި މަދުވެގެން ތިރީގައިވާ މިންވަރަށް ނިދި ބޭނުންވެ އެވެ.

  • އަލަށް އުފަންވާ ކުދިން (0-3 މަސް): 17-14 ގަޑިއިރު
  • ޅަފަތުގެ ކުދިން (4-11 މަސް): 15-12 ގަޑިއިރު
  • ތުއްތު ކުދިން (1-2 އަހަރު): 14-11 ގަޑިއިރު
  • ޕްރީސްކޫލް ކުދިން (3-5 އަހަރު): 13-10 ގަޑިއިރު
  • ސްކޫލް ކުދިން (6-13 އަހަރު): 11-9 ގަޑިއިރު

ނަމަވެސް، ދިރާސާގައި ބައިވެރިވި 57 ޕަސެންޓް މައިންބަފައިން ވަނީ ކުދިންނަށް ބޭނުންވާ ވަރަށްވުރެ މަދުން ނިދި ފުދޭނެ ކަމަށް އަންދާޒާ ކޮށްފަ އެވެ.

ހާއްސަކޮށް އުމުރުން ދެ އަހަރުން ދަށުގެ ތުއްތު ކުދިންގެ މައިންބަފައިންގެ ތެރެއިން 78 ޕަސެންޓް މައިންބަފައިންނަށް އެމީހުންގެ ދަރިިންނަށް ބޭނުންވާ ނިދީގެ މިންވަރު އޮޅުންފިލާފައި ނުވާކަން ފާހަގަ ކުރެވުނެވެ.

ނިދި މަދުވުމުގެ ނޭދެވޭ އަސަރު މުޅި އާއިލާއަށް!

މި ދިރާސާގައި ބައިވެރިވި 95 އިންސައްތަ މައިންބަފައިން އެއްބަސްވާ ގޮތުގައި، ގަވާއިދުން ރަނގަޅަށް ނިދި ލިބުމަކީ އާއިލާގެ އާންމު ހަމަޖެހުމަށް ކޮންމެހެން މުހިއްމު ކަމެކެވެ.

  • މޫޑާއި ސުލޫކަށް ކުރާ އަސަރު: 86 ޕަސެންޓް މައިންބަފައިން ފާހަގަކުރި ގޮތުގައި ރޭގަނޑު ހަމަ ނިދި ލިބުމުން ކުދިންގެ މޫޑު ރަނގަޅުވެ، ދުވާލު ގަޑީގައި އުޅުން ރަނގަޅުވެ އެވެ.
  • މައިންބަފައިންގެ ނިދި ގެއްލުން: ކުދިންނަށް ނިދި ނުލިބޭނަމަ، އެކަމުގެ އަސަރު މައިންބަފައިންގެ ނިދުމަށްވެސް ކުރެއެވެ. 80 ޕަސެންޓް މައިންބަފައިން ބުނީ ކުދިން ރަނގަޅަށް ނުނިދާ ރޭރޭ އެމީހުންގެ ނިދިވެސް މަދުވާ ކަމަށެވެ.
  • ސަމާލުކަން ދިނުމާއި ކިޔެވުމަށް ބުރޫ އެރުން: ނިދި މަދުވުމަކީ ކުދިންގެ ސިކުނޑި އާލާވުމަށާއި، އުނގެނުމަށާއި، އަދި ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ކަމެކެވެ.

އާއިލާއަށް ހަމަނިދި ހޯދައިދިނުމަށް ކުރެވިދާނެ ކަންކަން

  1. ނިދާ ގަޑި އެއްވަރެއްގައި ހިފެހެއްޓުން: ބަންދު ދުވަސްތަކުގައިވެސް ކުދިން ނިދާ ގަޑިއާއި ހޭލާ ގަޑި އެއް ގަޑިއެއްގައި ހިފަހައްޓަން މަސައްކަތް ކުރާށެވެ.
  2. ސްކްރީންތަކާ ދުރުވުން: ނިދުމުގެ މަދުވެގެން އެއް ގަޑިއިރު ކުރިން ފޯނު، ޓީވީ އަދި ޓެބްލެޓް ފަދަ ތަކެތި ނިއްވާލާށެވެ.
  3. ކުދިންނާ ވާހަކަ ދެއްކުން: ނިދުމަކީ އަދަބެއްގެ ގޮތުގައި ސިފަ ނުކޮށް، ނިދުމުން ހަށިގަނޑު ބޮޑުވުމަށާއި، ސިކުނޑި ވަރުގަދަ ވުމަށް ލިބޭ ފައިދާތަކާ މެދު ކުދިންނާ ސުވާލުކޮށް، ދެކެވޭ ވާހަކަތަކުގެ ތެރެއިން ނިދުމަށް ހިއްވަރު ދޭށެވެ.