ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ މާހިރުން (ފުޑް ސޭފްޓީ އޮފިސަރުން) ހާމަ ކުރައްވާ ގޮތުގައި، ބިސް ފަދަ ތަކެތި ރައްކާ ކުރުމުގައި ގިނަ މީހުންނަށް ވިސްނާ ނުލެވި ހެދޭ ކުދިކުދި ގޯސްތަކުގެ ސަބަބުން ބިސް އަވަހަށް ހަލާކުވެ، އެއިން ސިއްހަތަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑުވެ އެވެ.
އާންމުކޮށް ގޭގޭގައި ބިސް ބަހައްޓަނީ އަވަހަށް ނެގެން ހުންނަ ގޮތަށް އައިސް އަލަމާރީގެ ދޮރުފަތުގައި ހުންނަ ބިސް ރެކުގަ އެވެ. ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި މިއީ ބިސް ރައްކާ ކުރުމަށް އެންމެ ނުބައި ތަނެވެ.
1. އައިސް އަލަމާރީގެ ދޮރުފަތުގައި ބިސް ބެހެއްޓުން
އައިސް އަލަމާރީގެ ދޮރުފަތަކީ އަބަދު ހުޅުވާ ލައްޕާ ތަނަކަށްވާތީ، އެތަނުގެ ފިނިހޫނުމިން އަބަދުވެސް ބަދަލު ވަމުންދެ އެވެ. މިފަދައިން ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ބިހުގެ ތެރޭގައި ޖަރާސީމު އުފެދުމުގެ ފުރުސަތު ބޮޑުވެ، ބިސް އަވަހަށް ހަލާކުވެ އެވެ.
ރަނގަޅު ގޮތް: ބިސް ބަހައްޓަންވީ އައިސްއަލަމާރީގެ އެތެރޭގެ ކަނެއްގައި ނުވަތަ އެންމެ އެތެރެ ހަރުފަތުގަ އެވެ. އެއީ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަ ހިސާބެކެވެ.
2. ބިސް ކާޓަންގައި ނުބެހެއްޓުން
ގިނަ މީހުން ބިސް ގަނެގެން އައިސް، ކާޓަންއިން ނަގައި ވަކި ތައްޓަކަށް ނުވަތަ އައިސްއަލަމާރީގެ ބިސް ރެކަށް އަޅަ އެވެ.
ރަނގަޅު ގޮތް: ބިސް ގަންނަން ލިބޭ ކާޓަންގައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތެވެ. ކާޓަންގެ ސަބަބުން:
- އައިސް އަލަމާރީގައި ހުންނަ އެހެން ކާބޯތަކެތީގެ ވަސް ބިހުގެ ތެރެއަށް ވަނުމުން ރައްކާތެރި ކޮށްދެ އެވެ (ބިހުގެ ތޮށިގަނޑުގައި ކުދިކުދި ލޯވަޅުތަކެއް ހުންނާތީ ވަސް ވަދެ އެވެ).
- ބިހުގެ މުއްދަތު ހަމަވާ ތާރީހު މަތިން ހަނދާން ބެހެއްޓުމަށް ފަސޭހަވެ އެވެ.
3. ބިސް ބަހައްޓަންވީ ގޮތް
ބިސް ބަހައްޓާއިރު އޭގެ ދެކޮޅަށް ސަމާލުކަން ދިނުމަކީވެސް މުހިންމު ކަމެކެވެ.
ރަނގަޅު ގޮތް: ބިހުގެ ހަނިކޮޅު ތިރިއަށް އަދި ފުޅާކޮޅު މައްޗަށް ހުންނާނެހެން ބަހައްޓާށެވެ. ބިހުގެ ފުޅާ ކޮޅުގައި ކުޑަ ވައިކޮޅެއް ހުރެ އެވެ. އެކޮޅު މައްޗަށް ބެހެއްޓުމުން ބިހުގެ ރީނދޫބައި މެދުގައި ހިފެހެއްޓި، ބިސް ގިނަ ދުވަހު ތާޒާކަން މަތީ ހުރެ އެވެ.
4. ބިސް ބޭނުންކުރުމުގެ ކުރިން ދޮވުން
ގިނަ މީހުން ބިސް އައިސް އަލަމާރިއަށް ލުމުގެ ކުރިން ނުވަތަ ބޭނުން ކުރުމުގެ ކުރިން ފެނުން ދޮވެ އެވެ.
ރަނގަޅު ގޮތް: ބިސް ފެނުން ނުދޮންނާށެވެ. ބިހުގެ ތޮށިގަނޑުގެ ބޭރުގައި ގުދުރަތީ ރައްކާތެރި ފަށަލައެއް ހުރެ އެވެ. ބިސް ދޮވުމުން މި ފަށަލަ ހަލާކުވެ، ބޭރުގައި ހުންނަ ޖަރާސީމުތައް ތޮށިގަނޑުގެ ކުދި ލޯވަޅުތަކުން އެތެރެއަށް ވަނުމުގެ ފުރުސަތު ބޮޑުވެ އެވެ. ބިހުގައި ކިލާކޮޅެއް ހުރިނަމަ ހެޔޮވަރުގެ ހުއްކި ފޮތިކޮޅަކުން ފޮހެލާށެވެ.
5. ފިނިކުރި ބިސް އާންމު ފިނިހޫނުމިނުގައި ގިނައިރު ނުބެހެއްޓުން
އައިސް އަލަމާރީގައި ބެހެއްޓުމަށްފަހު ބޭރަށް ނަގާފައި ގިނައިރު ބެހެއްޓުމުން، ބިހުގެ ބޭރުގައި އާވި އުފެދެ އެވެ. މިގޮތަށް އުފެދޭ ފެންތިކިތަކުގެ ސަބަބުން ޖަރާސީމު ބިހުގެ އެތެރެއަށް ވަދެ، ބިސް ހަލާކުވާން މަގުފަހިވެ އެވެ.
ބިސް ގިނަ ދުވަހު ތާޒާކޮށް އަދި ރައްކާތެރި ކަމާއެކު ބެހެއްޓުމަށްޓަކައި އައިސް އަލަމާރީގެ އެތެރޭގެ ހަރުފަތެއްގައި، އޭގެ އަސްލު ކާޓަންގައި، ތޫނުކޮޅު ތިރިއަށްވާ ގޮތަށް ބަހައްޓާށެވެ.
އީސީގައި ރަޖިސްޓްރީކޮށްފައިވާ ގަވާއިދުގައި ވަނީ ސިއްރު ވޯޓެއް!
ކޮންމެ މާހައުލަކުން މީހުންގެ ހިތްތައް އަތުލާނީ ކިހިނެއް؟
އެރިއާނާގެ އެންމެ ފަހުގެ ފެނިލުމާއެކު ކަންބޮޑުވުންތަކެއް!