ގާނޫނީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް، އަހްމަދު މަމްދޫހު (މަންޑޭ)އަށް ރައީސް މުހައްމަދު މުއިއްޒު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަން ދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަންޑޭ ވަނީ އެ މަގާމަށް އައްޔަންކުރައްވާފަ އެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވާލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ.

މަންޑޭ ވަނީ ސްރީލަންކާގެ ޔުނިވާސިޓީ އޮފް ކެލަނިޔާއިން ބެޗްލާސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފަ އެވެ. މީގެ ކުރިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ނައިބުކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕމަންޓް ކޯރޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.

ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހުންނެވި އެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ވެސް މަސައްކަތްތަކެއް ކުރެއްވި އެވެ.