ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންގެ ސިއްހީ ހާލަތާ މެދު ސޯޝަލް މީޑިއާގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވަނިކޮށް އެކަމާ ގުޅޭގޮތުން އެންމެ ފަހުން އޭނާ ވާހަކަ ދައްކައިފި އެވެ.

މުމްބާއީގައި ބޭއްވުނު "ސްލަމް ރީހެބިލިޓޭޝަން އޮތޯރިޓީ" (އެސްއާރުއޭ) އެންޖީއޯގެ ހަރަކާތަކުން ސަލްމާން ފެނިގެންދިޔަ ގޮތުން، އޭނާ ވަރަށް ހިކިކޮށް ފެނުމުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭނާ އުޅެނީ ބަލިވެ ކަމަށް ޝައްކުކޮށް ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

ނަމަވެސް، އެމެޒޯން ޕްރައިމް އިން ދައްކާ ރިއަލިޓީ ޝޯ "އެލަޔަންސް" ގެ ހާއްސަ އެޕިސޯޑެއްގައި ބައިވެރިވެ، ސަލްމާން ވަނީ މިއީ ގަސްދުގައި ހަށިގަނޑަށް ގެނައި ބަދަލެއްކަން ކަށަވަރު ކޮށްދީފަ އެވެ.

މި ޝޯއަކީ ސަލްމާންގެ ކޮއްކޮ ސުހޭލް ޚާން ބައިވެރިވާ ޝޯއަކަށްވާއިރު އޭނާ އެ ޝޯއަށް ޒިޔާރަތް ކުރީ ސުހޭލްއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

މި ބައްދަލުވުމުގައި ސުހޭލްގެ ހަށިގަނޑުވެސް ހިކިފައިވާކަން ފާހަގަކޮށް ސަލްމާން ވާހަކަ ދެއްކުމުން، ސުހޭލް ވަނީ އޭނާގެ އެބްސް ދައްކާލުމަށްފަހު 12 ކިލޯ ލުއިކުރެވުނު ކަމަށް ބުނެފަ އެވެ. އެއާއެކު ސަލްމާން ބުނީ އޭނާގެ ބަރުދަނުން މުޅިއަކު 16 ކިލޯ ލުއިކޮށްފައިވާ ކަމަށެވެ.

ހަބަރުތައް ބުނާ ގޮތުގައި ސަލްމާންގެ ބަރުދަނަށް މިއައި ބޮޑު ބަދަލަކީ އޭނާގެ ކުރިއަށް އޮތް އެކްޝަން ފިލްމަށް ތައްޔާރު ވުމުގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ. ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓްރެސް ނަޔަންތާރާއާއެކު ސަލްމާން ފެނިގެންދާ މިއީ ފުރަތަމަ ފިލްމެވެ.

އުމުރުން 60 އަހަރުގެ ސަލްމާންގެ ފިޓްނެސް ކޯޗު ހާމަކޮށްފައިވާ ގޮތުގައި، ސަލްމާން ވަނީ އޭނާގެ ކެއިންބުއިމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން ހަނޑުލުގެ ބާވަތްތަކާއި ފުށާ ދުރުވެ، މައިގަނޑު ގޮތެއްގައި ޕްރޮޓީން އެކުލެވޭ ކާނާ ބޭނުން ކުރުމުގެ އިތުރުން ކޮންމެ ދުވަހަކު ހުސްބަނޑާ ހުރެ ކާޑިއޯ ކަސްރަތުތައް ކުރުމުގައި ގަވާއިދުން ހަރަކާތްތެރިވާ ކަމަށް އޭނާ ބުންޏެވެ.

ސަލްމާންގެ މި ހާމަކުރުމާއެކު، އޭނާގެ ސިއްހަތާމެދު ކަންބޮޑުވެފައި ތިބި މުޅި ބޮލީވުޑާއި ސަޕޯޓަރުންނަށް ވަނީ ބޮޑު ހަމަޖެހުމެއް ވަނީ ލިބިފަ އެވެ.