އަންހެނުންނަކީ ކޮންމެފަދަ ދޮގެއް ވެސް ހަދަން ފަސް ނުޖެހޭނެ ބައެއް ކަމަށް ވިދާޅުވެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ދިފާއުގައި ތެދުވެވަޑައިގެންފި އެވެ.

މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވާތާ އަހަރެއް ވެފައިވާ ގާސިމް މިއަދު މަޖިލީހުގެ މެންބަރުން ތިއްބަވާ ރަސްމީ ވަޓްސްއެޕް ގްރޫޕެއްގައި އީސަ ދިފާއުކުރައްވައި އޭނާ ވިދާޅުވީ އީސަގެ ވަޓްސްއެޕް ޕްރޮފައިލް ފޮޓޯގައި އޭނާގެ ކުޑަ ދަރިފުޅުގެ ފޮޓޯއެއް އެބައިން ކަމަށާއި އެފަދައިން ކުއްޖަކު ދެކެ ލޯބިވާ މީހަކު، ކުއްޖަކާއިމެދު ގެވެށި އަނިޔާގެ އަމަލެއް ހިންގަފާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތި ކަމަށެވެ.

އީސަގެ އަބިކަނބަލުން އަސްރާ ނަސީމް (އަސޫ) އާ ދެމެދު ހިނގި ޒުވާބެއްގައި އީސަ ވަނީ އަސްރާއަށް އަނިޔާކޮށްފަ އެވެ. އަަސްރާގެ ހަށިގަނޑުގެ އެކި ތަންތަނަށާއި އަތަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. އަދި އަނިޔާކުރުމަށްފަހު އެކަން އެހެން މީހަކު ކައިރީގައި ބުނެފި ނަމަ ކުއްޖާ މަރާލާނެ ކަމަށް އީސަ އިންޒާރު ވެސް ދިން ކަމަށްވެ އެވެ. އީސަ އެގޮތަށް ވިދާޅުވީ ނުވަ ބުރީގެ އިމާރާތަކުން ކުއްޖާ ބޭރަށް ދިއްކޮށްގެން ހުރެ ކަމަށް އެނގިފައިވެ އެވެ.

މީގެ އިތުރުން އީސައާ ގުޅުވައިގެން އަސްރާ ހަދަނީ ދޮގު ކަމަށް ދޭހަވާ މޭރުމަކުން ގާސިމް ވަނީ ވާހަކަފުޅު ދައްކައިފަ އެވެ. އެގޮތުން ގާސިމް ވިދާޅުވީ، އަންހެނުންނަކީ ކޮންމެފަދަ ދޮގެއް ވެސް ހަދަން ފަސް ޖެހޭނެ ބައެއް ނޫން ކަމަށެވެ.

އެއަށްފަހު ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ގެވެށި އަނިޔާގެ ގާނޫނަކީ އެއްވެސް ހައްދެއް ނެތް މިންވަރަށް އަންހެނުންނަށް ހިމާޔަތްކުރާ ގާނޫނެއް ކަމަށެވެ. އަދި ވިދާޅުވީ އެންމެ މީހެއްގެ ބަހަކަށް ބަލައިގެން އީސަ ހައްޔަރުކޮށްގެން ނުވާނެ ކަމަށެވެ.

ގާސިމް އެފަދައިން ވާހަކަފުޅު ދެއްކެވިއިރު ގެވެށި އަނިޔާގެ ޝިކާރައަކަށްވި އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އެވެ. ނައިބު ރައީސް ފައިސަލް ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ އިތުރުން ކުރިން ގާސިމްގެ ވަރަށް އަރިސް ބޭފުޅެކެވެ.