އިޒްރޭލަށް ތާއީދުކުރޮށް ފޭސްބުކްގައި ޕޯސްޓެއް ޖެހި ށ. ޅައިމަގު ސުކޫލުގައި މަސައްކަތްކުރި އިންޑިއާ ޓީޗަރަކު އެ ރަށުން ބާލަން ނިންމުން އެއީ ހަމަނުޖެހޭ ނިންމުމެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ޅައިމަގު ސްކޫލުގައި މަސައްކަތް ކުރާ އެ ޓީޗަރަކީ ކެމްސްޓްރީ ކިޔަވައިދޭ ޓީޗަރެކެވެ. އެ ޓީޗަރު އިސްރާއިލަށް ތާއީދުކުރާކަން ހާމަކޮށް ފޭސްބުކްގައި ޕޯސްޓެއްކުރުމުން އެރަށު ޒުވާނުން ވަނީ އޭނާގެ ގެ ކައިރިއަށް އެއްވެ އަޑުގަދަކޮށް ހަދައިފަ އެވެ. އަދި އެ ރަށު ކައުންސިލުން ބުނެފައި ވަނީ އެ ޓީޗަރު ރަށުން ބާލަން ނިންމީ، ރަށުުގައި ބަހައްޓައިފިނަމަ އޭނާއަށް ނުރައްކަލެއް އަތުވެދާނެތީ ކަމަށެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްރާއީލަށް ތާއިދުކުރާކަން ހާމަކުރުމުގެ ސަބަބުން ރަށުން ޓީޗަރަކު ބޭލުމަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގައި ޖެހުނު ލަތްގަޑެއް ކަމަށެވެ.

އދ. އިން ކަނޑައަޅާފައިވާ ދީނީ މިނިވަންކަމާ ބެހޭ ހާއްސަ މަންދޫބުގެ މަގާމުގައި މިހާރު ހުންނެވި ޑރ. ޝަހީދު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާއަށް ނިސްބަތްވާ ޓީޗަރު އިސްރާއީލަށް ތާއިދުކޮށް އެކަން ފާޅު ކުރުމުން ދިވެހިން އެކަން ބަލައިގަންނަން ޖެހޭ ކަމަށެވެ.

މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ޑރ. ޝަހީދުގެ އެ ޓުވީޓާއެކު ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އޭނާއަށް އަމާޒުވެފަ އެވެ. ޑރ. ޝަހީދަށް ރައްދު ދެއްވި މީހަކު ބުނީ، ޓެރަރިސްޓު އިސްރާއިލަށް ތާއިދުކުރާން ހާމަކުރުމަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނޫން ކަމަށެވެ.

ޑރ. ޝަހީދުގެ ޓުވީޓަށް އެންމެން ވަނީ ފާޑު ކިޔައިފަ އެވެ.