ހުޅުމާލެ ފޭސް 1 ގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކޮށް ވިއްކުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާ އެޗްޑީސީން ހަވާލުކޮށްފި އެވެ.
ވޭޗުއަލްކޮށް ބޭއްވި މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެސް.ޖޭ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް އެވެ. އަދި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ޕްލޮޓް ނަމްބަރު S1/4 ހިންގަން ހަމަޖެހިފައިވާ މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އާރްއެފްޕީއަށް ހުޅުވާލި ޕްރޮޖެކްޓެއް ކަމަށެވެ.
އެ ކުންފުނިން ބުނީ ޖުމްލަ 26،969.06 އަކަފޫޓޫ ހުންނަ މި ބިމުގައި ހަދާ ކޮމްޕްލެކްސްގައި 103 ޔުނިޓް ހުންނާނެ ކަމަށެވެ. މީގެ ތެރެއިން 61 ޔުނިޓަކީ އެއްބަސްވުމުގައިވާ ގޮތުން އަގު ކޮންޓްރޯލްކޮށް، އެންމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1،987.23 ރުފިޔާގެ ރޭޓުން ވިއްކަން ކަނޑައަޅާފައިވާ ޔުނިޓްތަކެއް ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ބާކީ 42 ޔުނިޓަކީ ބޭނުން އަގެއްގައި އިމާރާތް ހަދާ ފަރާތުން ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މިގޮތަށް ކަނޑައެޅުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ގާއިމުކުރާ ބޯހިޔާވަހަކަމުގެ މަޝްރޫއުތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުން ކަމަށް މި ފުރުޞަތުގައި ފާހަގަކުރަމެވެ." އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ މަޝްރޫއުގެ ތަފުސީލީ ކުރެހުމަށް ހުއްދަ ދޭ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ކަމަށެވެ.
އެ ކުންފުނިން ބުނީ މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް، އެކި ފަންތީގެ ގިނަ ބޯހިޔާވަހަކަމުގެ މަޝްރޫއުތަކެއް ހުޅުމާލޭގައި އެ ކޯޕަރޭޝަނުން ހިންގަމުން އަންނަ ކަމަށެވެ. އަދި މި ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާނެ ހިދުމަތްތައް އެންމެ ޒަމާނީ ފެންވަރުގައި ގާއިމުކޮށްދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.