ގއ. ދާންދޫން ކޮވިޑަށް ޕޮޒިޓިވްވި 27 އަހަރުގެ ޒުވާން އަންހެން ކުއްޖަކު މިރޭ މަރުވެއްޖެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށް މީގެ އިރުކޮޅެއް ކުރިންނެވެ.

ކޮވިޑު ފެތުރިގެން މޮނިޓަރިންގައި އޮތް އެ ރަށު ވިޔަވަތި، މަރިޔަމް އިބްރާހިމް (މަރީ)، 27 އަހަރުގެ ކިބައިން ކޮވިޑުގެ އަލާމާތްތައް ފެންނަން ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އަދި މަރީގެ ކިބައިން ރޯގާ ޖެހި އަޑަށް ބަދަލު އަންނަން ފެށުމުން ކޮވިޑުކަން ޔަގީން ކުރަން ޓެސްޓް ސާމްޕަލް ނެގީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އެކަމަކު އެ ސާމްޕަލްގެ ނަތީޖާ ނުލިބި އުޅެނިކޮށް އަލާމާތްތައް ބޮޑުވެ ހާލު ސީރިއަސްވާން ފެށުމުން މިދިޔަ މަހުގެ 19 ވަނަ ދުވަހު އެ ސިއްހީ މަރުކަޒުގައި މަރީ އެޑްމިޓްކުރި އެވެ.

އޭނާގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނިގޮތުގައި އެ ތަނުގައި އެޑްމިޓްކުރުމަށްފަހު އޮކްސިޖަން ދީ އިންޖަކްޝަނެއް ޖަހާލުމުން މަރީގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވުމުން ގެއަށް ބަދަލުކުރި އެވެ. އެހެން ނަމަވެސް ޖެހިގެން އައި ދުވަހު ހާލަތު އަނެއްކާ ވެސް ދަށްވާން ފެށި އެވެ. އަދި ވެންޓިލޭޓަރު ގުޅައިގެން މާލެ ގެނައި ގޮތަށް އޭނާ އެޑްމިޓްކުރީ ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮވިޑަށް ހާއްސަ ވޯޑު، ޑީއެޗް 11ގައި ކަމަށް ވެސް އެ މީހާ ބުންޏެވެ. އަދި މަރީ އެ ހޮސްޕިޓަލަށް ގެންދިޔައިރު އޮކްސިޖަން ލެވަލް ވެސް ހުރީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށް ވެސް އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

އާބާދީގައި 2،000 އެއްހާ މީހުން އުޅޭ ރަށުން ކޮވިޑް ފެނުމާ އެކު މޮނިޓަރިންއަށް ލީ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.