ދާރުއްސަލާމް (13 ޖޫން) - ބެންޖަމިން ނަތަންޔާހޫގެ 12 އަހަރުވީ ދިގު ވެރިކަން ނިމި، އިޒްރޭލުގައި އުފެދުނު އާ ކޯލިޝަން ސަރުކާރު އެ ގައުމުގެ ރައްޔިތުން މަޖިލީސް (ކެނެސެޓް) އިން ބަލައިގަނެ، މިރޭ ފާސްކޮށްފި އެވެ.

އާ ސަރުކާރުގެ ދަށުން ނަފްތާލީ ބެނެޓް ވަނީ ބޮޑު ވަޒީރުކަމުގެ ހުވާ ކުރައްވާފަ އެވެ. އޭނާ އެ ވޯޓު ކާމިޔާބު ކުރެއްވީ 59-60 ގެ ހަނި އަޣުލަބިއްޔަތަކުންނެވެ.

ނަތަންޔާހޫއާ ދެކޮޅަށް އެ ގައުމުގައި އުފެދުނު ކޯލިޝަން ސަރުކާރުގައި އަރަބި ޕާޓީތަކާއެކު 8 ސިޔާސީ ޕާޓީއެއް ހިމެނެ އެވެ. ނަމަވެސް އެހެނިހެން ސިޔާސަތުގައި މި ޕާޓީތަކުގެ މެދުގައި ގިނަ ޚިޔާލު ތަފާތުވުންތަކެއް ފެނިގެންދެ އެވެ.

މަޖިލީހުގައި ވޯޓު ކުރިއަށް ދިޔައިރު އެއްވެސް އެއްޗެއް ވިދާޅުނުވެ އިން ނަތަންޔާހޫ ވަނީ ވޯޓުން ބަލިވުމާއެކު މަޖިލީހުގެ ތަޅުމުން ބޭރަށް ނުކުންނަވާފަ އެވެ. އެތަނުން ނުކުތުމުގެ ކުރިން އާ ބޮޑުވަޒީރާ ސަލާމްކުރެއްވި އެވެ.

ވޯޓު ނެގުމުގެ ކުރިން ބެންނެޓް ދެއްވި ގަރާރުގައި އެ ގައުމުގެ ދާޚިލީ މައްސަލަތަކަށް ވަރަށް ބޮޑަށް އަލިއަޅުވާ ލައްވާފައިވެ އެވެ. އޭނާ ވާހަކަ ދައްކަވަމުން ދިޔައިރު މަޖިލީހުގައި ވަނީ އަޑުގަދަކޮށް އޭނާއާ ދެކޮޅަށް އަޑު އުފުލާފަ އެވެ.

ބެންނެޓަށްފަހު ވާހަކަ ދެއްކެވި ނަތަންޔާހޫ ވަނީ ވެރިކަމަށް އަލުން ވަޑައިގަންނަވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ އާ ސަރުކާރަކީ ބަލިކަށި ސަރުކާރަކަށް ވާނެ ކަމަށެވެ.

ދިގު 12 އަހަރަށްފަހު ނަތަންޔާހޫގެ ދައުރު ނިމުމަކަށް އައީ އެ ގައުމުގައި ބޭއްވުނު ހަތަރު އިންތިހާބުންވެސް ނަތީޖާއެއް ނުނެރެވެމުން އިދިކޮޅު ފަރާތްތަކަށް އާ ސަރުކާރެއް ހަދަން ދިން 28 ދުވަހުގެ މުހުލަތުގައި އެ ޕާޓީތަކުން ކޯލީޝަން ހަދައިގެންނެވެ. -- އޭޕީ ނިއުސް