އެއާ ސީޝެލްސް އިން އިޒްރޭލާއި ރާއްޖެއާ ދެމެދު ދަތުރުތަކެއް ފަށަން ނިންމައިފި އެވެ.

އިޒްރޭލުގެ "އިޒްރޭލް ހަޔޮމް" ނޫހުގައި ބުނެފައި ވަނީ އަންނަ ސެޕްޓެމްބަރު 6 އިން އޮކްޓޯބަރު 6 ގެ ނިޔަލަށް އިޒްރޭލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކޮންމެ ހޯމަ ދުވަހަކު ދަތުރުތައް ބާއްވާނެ ކަމަށެވެ. އަދި މި ދަތުރުގެ ޓިކެޓުގެ އަގަކީ 995 ޑޮލަރު ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ނޫހުގައި ބުނެފައި ވަނީ ސީޝެލްސްގެ ޤައުމީ އެއާލައިން ކަމަށްވާ އެއާ ސީޝެލްސް އިން އިޒްރޭލުން ސީދާ ރާއްޖެއަށް ދަތުރުކުރަން ހަމަޖެހިފައިވާއިރު، އަނބުރާ އިޒްރޭލަށް ދާނީ ސީޝެލްސްގައި އެއް ގަޑިއިރު ޓްރާންސިޓް ކުރުމަށްފަހު އެވެ.

އިޒްރޭލުން ރާއްޖެއަށް ސީދާ ދަތުރުކުރާނަމަ 8.5 ގަޑިއިރު ހޭދަވެ އެވެ.

ރާއްޖެއާ ދެމެދު މީގެ އަހަރުތަކެއް ކުރިން ސީދާ ދަތުރުތައް ކުރަމުން އައި އެއާ ސީޝެލްސްގެ ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން ރާއްޖެއަށް ދަތުރުތައް މިދިޔަ ޑިސެމްބަރު ކުރީކޮޅު ހަ ހަފްތާގެ މުއްދަތަކަށް ފެށި އެވެ. އޭރު ދަތުރުތައް ފެށީ ދެކުނު އެފްރިކާގެ ޖޮހެނެސްބާގުން ރާއްޖެ އާއި ދެމެދު ހަފްތާއަކު ދަތުރެއް ކުރާ ގޮތަށެވެ. އެ އެއާލައިންގެ ފުރަތަމަ ދަތުރުގައި 30 ފަސިންޖަރަކު ރާއްޖެއަ އެވެ.

އެމްޑީޕީގެ ވެރިކަމުގައި 2009 ވަނަ އަހަރު ވެސް އިޒްރޭލްގެ ގައުމީ އެއާލައިން އެލްއާލް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމި އެވެ. ނަމަވެސް ދިވެހިންގެ ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދުމުން އެ ދަތުރުތައް ކުރެވޭ ގޮތެއް ނުވި އެވެ.