އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލަ އިތުރަށް ދިރާސާކުރަން ޕީޖީ އޮފީހުން އަންގާފައިވާތީ އެ މަސައްކަތް ކުރަމުންދާ ކަމަށް އޭސީސީން ބުނެފި އެވެ.

އޭސީސީން ބުނީ ޔޫތު މިނިސްޓަރު މަހްލޫފު މައްސަލާގައި އިތުރަށް ދިރާސާކުރުމަށް ޕީޖީ އެދިފައިވާތީ އެމައްސަލަ މިހާރު އިތުރަށް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ދިރާސާކޮށް ނިމޭނީ ކޮންއިރަކުންކަމެއް ނޭނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި މިނިސްޓަރު މަހްލޫފުގެ މައްޗަށް ދެ ފަހަރަކު ދައުވާ ކުރުމަށް އޭސީސީއިން ޕީޖީ އޮފީހަށް ވަނީ ފޮނުއްވާފަ އެވެ. އެހެން ނަމަވެސް ޕީޖީ އޮފީހުން އެމައްސަލަ އަލުން ދިރާސާކުރުމަށް އޭސީސީއަށް ވަނީ ފޮނުވައިފަ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން މިމަހުގެ ނުވަވަނަ ދުވަހު ފޮނުވާފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ތަހުގީގުކުރުމަށް ފަހު އެވެ.

މަހުލޫފުގެ މައްސަލަ ބަލަމުންދާއިރު، އޭނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާ ޝިއުނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މިގޮތުން، އޭނާއަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން ކަމަށް ވެސް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ހެއްކެއް ނުހުންނާނެ ކަމަށް ވެސް މަހްލޫފު ވަނީ ވިދާޅުވެފަ އެވެ.