ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގައި އަނިޔާވި އެމަނިކުފާނުގެ ބޮޑީގާޑު އިލްހާމް އަދާމްގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިއްޖެ އެވެ.

މި ކަން ހާމަކޮށް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުލް ސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮމުގެ ހަމަލާއިން ރައީސް ނަޝީދު ސަލާމަތް ކޮށްދިން އިލްހާމްގެ ކަނދުރާގެ ޑިސްކް ހަލާކުވެފައިވާ ކަމަށެވެ.

މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދުގެ ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގެން މަޖީދީ މަގުގެ ކަންމަތީގައި އޮތް ކާރު ކޮޅަށް އަރާވަޑައި ގަންނަވަނިކޮށް، ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކާ އެކު އެމަނިކުފާނު ބިންމައްޗަށް ވެއްޓިފައި އޮންނަވަނިކޮށް، ނަގައި ކާރަށް އެރުވީ އިލްހާމެވެ.

މި ހަމަލާގައި ނަޝީދުގެ އިތުރުން ބޮޑީގާޑުންނާއި އާންމުންގެ ދެ މީހަކަށް ވެސް އަނިޔާވި އެވެ.

ކުރީގެ ރައީސް ނަޝީދު މިހަމަލާގައި ލިބުނު އަނިޔާތަކަށް އެންމެ ފުރަތަމަ ފަރުވާ ހޯދީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެހެން ނަމަވެސް އިތުރު ފަރުވާ ހޯދުމަށް އެމަނިކުފާނު ވަނީ ޖަރުމަނަށް ވަޑައިގެންފަ އެވެ.

ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ފޫދިޔަ ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށްވެސް އިލްހާމް ހާޒިރުކޮށް ސުވާލު ކޮށްފައިވެ އެވެ.