މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލުވާލަން ހިންގި އަމަލު ދައްކުވައިދޭ ރީއެނެކްޓްމެންޓް ވީޑިއޯއެއް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.

އެ ކޮމިޝަނުން އާންމުކުރި ވީޑިއޯގައި ވެސް ރިލްވާންގެ މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކޮށް ދިނުމަށް ވަނީ އެދިފަ އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އާންމުކުރި ހަތަރު މިނެއްޓެއްހާ ދިގުމިނުގެ ވީޑިއޯއިން ފެންނަނީ އޮގަސްޓް 7، 2014 ވީ ބުރާސްފަތި ދުވަހުގެ ރޭ ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ހާދިސާ ދައްކުވައިދޭ ވީޑިއޯއެކެވެ. އަދި އެ ވީޑިއޯގައި ރިލްވާން ގަދަކަމުން ކާރަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ވަޅީގެ މައުލޫމާތު ހޯދުމަށްކުރާ މަސައްކަތްތަކާއި ކާރުގެ ދޮރެއް ނުލެއްޕި ހުރި މަންޒަރުގެ އިތުރުން ކާރުގެ ކުލަ ވެސް ދައްކުވައިދީފައިވެ އެވެ. އަދި ޖުމްލަ ގޮތެއްގައި މާލެއިން ހުޅުމާލެއަށް ދަތުރުކޮށް ރިލްވާން ދިރިއުޅެމުންދިޔަ 21 ނަންބަރު ފްލެޓް ސަރަޙައްދަށް ދިޔަ މަންޒަރުތަކާއި ރަހީނުކޮށްގެން ގެންދިޔަ މަންޒަރު ދައްކުވައިދީފައިވެ އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބުނީ މި ހާދިސާއާގުޅޭ މައުލޫމާތު އެނގޭ ފަރާތްތައް އާންމުންގެ ތެރޭގައި އަދިވެސް ތިބެދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ރިލްވާންގެ މައްސަލައާއި ގުޅިގެން ޝަރީއަތަށް ސާބިތުކުރެވޭވަރުގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 500،000 ރުފިޔާ ދޭން އެ ކޮމިޝަނުން ވަނީ ހުށަހަޅައިފަ އެވެ. އަދި ރިލްވާންގެ މައްސަލައާއި ގުޅިގެން އެފަދަ މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ލަސްނުކޮށް އެ މައުލޫމާތެއް ހިއްސާ ކުރުމަށް ކޮމިޝަނުން ވެސް ވަނީ އެދިފަ އެވެ.

މީގެ އިތުރުން މި ވީޑިއޯއާއެކު އެ ކޮމިޝަނުންކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، ރިޟްވާންއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައިވާ ފަރާތެއްވާނަމަ އެކަން ކޮމިޝަނަށް އަންގައިދިނުމަށް ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒްގެ އިލްތިމާސްގެ މެސެޖެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ.