ގެވެށި ގުޅުން ބަދަހިކުރަން މުޖުތަމައުގައިކުރާ ކަންކަމާއި ދޭ މެސެޖުތައް އެއްގޮތްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބާރުއަޅުއްވައިފި އެވެ.

އެ ކަމަނާ މިކަމަށް ބާރުއަޅުއްވާފައި ވަނީ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މާހައުލެއް ބިނާކުރުމަށްޓަކައި މީހުން ހޭލުންތެރިކުރުމުގެ މަގުސަދުގައި ޔޫއެންއެޕްޕީއޭ އާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ތައްޔާރުކޮށް ސިލްސިލާކޮށް ގެނެސްދެމުންދިޔަ ގެވެށި ގުޅުން "ސާސްތްރަ" ޕްރޮގްރާމްގެ އެންމެ ފަހު އެޕިސޯޑުގައި ރޭ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަ ދައްކަވަމުންނެވެ.

ފަޒްނާ ވިދާޅުވީީ މީޑިއާތަކުން ގެނެސްދޭ ބައެއް އިޝްތިހާރުތަކުން ގޭތެރޭގެ މައްސަލަތައް ފާހަގަވާގޮތަށް އިޝްތިހާރު ގެނެސްދިނުމުގެ ބަދަލުގައި ގޭތެރޭގައި މީހުން މުޢާމަލާތްކުރާ ރަނގަޅު ގޮތްތަކާއި، ރަނގަޅު އާދަތައް އިޝްތިހާރުތަކުން ވެސް ދައްކައި އެއް މެސެޖެއް މުޖުތަމައަށް ފޯރުކޮށްދިނުމުގެ މުހިންމު ކަމަށެވެ. ހަމަ އެއާއެކު އަޅުގަނޑުމެން އުޅެމުން އަންނަ އަވަދިނެތިކަމުގެ ތެރެއިން އާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމު ކަމަށާއި، އަދި އެފަދަ ވަގުތުތަކުގައި ފޯނާއި ދުރުވެ، އެކުވެރިކަމާއި އެކު ގޭތެރޭގެކަންކަން އިންތިޒާމްކޮށް އަމަލުތައް ހެޔޮގޮތުގައި ބަހައްޓާނަމަ މުޖުތަމައު ތެރޭގައި އުޅޭއިރު ވެސް އެ ރީތި އާދަތައް މި ގޮތަށް ހުރުން ގާތްކަމަށް އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން މެޑަމް ފަޒްނާ ވަނީ ގޭތެރޭގައި އެކަކު އަނެކަކާ މުއާމަލާތް ކުރާއިރު، ލޯތްބާއި އިހުތިރާމާއެކީ މައިންބަފައިން ވާހަކަދެއްކުމަށް ބާރު އަޅުއްވާފަ އެވެ. އެކަމުން ދަރިންނަށް ރައްކާތެރިކަމާ އަމާންކަން އިހުސާސްވޭނެކަމުގައި އެކަމަނާ ފާހަގަކުރެއްވެވި އެވެ. އަދި ހަމަ އެއާއެކު ކުދިންގެ ނުވަތަ ބޮޑެތި މީހުންގެ ވެސް އަމަލެއް ބަދަލުކުރުމަށް މަސައްކަތްކުރާއިރު ފައްސި ބަސް ބޭނުންކުރުމަށް ސަމާލުކަންދިނުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފަ އެވެ. އަދި އެކަމުގެ ސަބަބުން އެ ޢަމަލު ބަދަލުކުރަން ފަސޭހަވާނެ ކަމަށް އެކަމަނާގެ މެސެޖުގައި ފާހަގަކުރައްވައިފައިވެ އެވެ.

ސާސްތުރަ ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ މި ސިލްސިލާތަކުން އެކަމަނާއަށް ފާހަގަވި އެއްކަމަކީ ގެވެށި އަނިޔާއިން ރައްކާތެރިވުމަށް، ބަދަހި ގެވެށި ގުޅުމެއް އޮތުން މުހިންމުކަމަށެވެ. އެހެންކަމުން ބަދަހި ގެވެށި ގުޅުމެއް ބިނާކުރުމަށް، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށާ ފިރިހެނުންނަށް އެނގުން މުހިންމުކަމުގައި އެކަމަނާ ފާހަގަކުރެއްވެވި އެވެ.

ސާސްތްރަ ޕްރޮގްރާމަކީ ގެވެށި ގުޅުން ގައުމީ ކެމްޕެއިންގެ ދަށުން ރާއްޖޭގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ގެވެށި އަނިޔާ 'ޑޮމެސްޓިކް ވައިލެންސް' އާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ގެވެށި އަނިޔާ ރިޕޯޓުކޮށް މިކަމަށް ބާރުވެރިކުރުވުމަށް ގެނެސްދެމުން އައި ސިލްސިލާ ޕްރޮގްރާމެކެވެ.