ނާބަ ޖެހުމަކީ މާލޭގައި ކޮށް އުޅުނު ކަމެކޭ މީހުން ބުނާތީ އަޑު އަހަމެވެ. ކޮންމެ ދުވަހަކު އިރުއޮއްސޭ ވަގުތު ވަކި ރާގަކަށް ޖަހާ އެ ބެރަކީ ކީއްވެގެން ކިހިނެއް ކުރެވުނު ކަމެއް ކަން އަހަރުމެންގެ މިއަދުގެ ޖީލަށް އެނގިފައި އޮތުން ރަނގަޅުވާނެ އެވެ.

މިއީ ދޫދޫ މަތިން ދެކެވެމުން އަންނަ ނާބަ ޖެހުމާ ގުޅޭ ބައެއް ވާހަކަތަކެވެ. މިއީ ފުލޯކު ވާހަކައެއް ކަމަށް ބެލެވުނު ނަމަވެސް ދިވެހި ތާރީޚާއި ސަގާފަތުގެ ހިއްސާ އެކެވެ.

މީގެ އެތައް ސަތޭކަ އަހަރެއް ކުރީގެ ވާހަކަ އެކެވެ. މާލެއަށް އެރި ކަނޑުދާއްބައެކެވެ. ކަރުގޮހޮރާއި މިނި މަހަކީ އެސޮރުގެ ކެއުމެވެ. ސިފަ ބަދަލުކޮށް ބޭނުން ވަރަކަށް ކުޑަބޮޑުވުމުގެ ގާބިލިއްޔަތުކަން އެސޮރަށް ލިބިގެންވާ ކަމަށްވެ އެވެ. އެސޮރު އެރުމުން މުޅި މާލެއިން ފަރުހިކި ވަހެއް ދުވާ ކަމަށް ބުނެވެ އެވެ.

އޭރު މަސްވެރިކަން ރަނގަޅު މާލޭގައި މި ކަނޑުދާއްބައިގެ އުނދަގޫ އިސާހިތަކު ބޮޑުވެއްޖެ އެވެ. ރަށުމެދުގައި ހުރެ ބޮޑެތި ރުއްގަސްތަކާ އެއްވަރަށް ދިގުވެ މާލޭގެ ވަށައިގެން އަތިރިމަތީގައި މަސްކަނޑަން އުޅުނު މަސްވެރިން ގެންގުޅުނު ކަރުގޮހޮރުތައް އެސޮރު ކައި އުޅުނު ކަމަށްވެ އެވެ.

ކޮންމެއަކަސް ދާއްބައިގެ އުނދަގޫ ބޮޑުވެ، ސިހުރުގެ ބާރުން އެސޮރު އިންސާނުންގެ ބާރުގެ ދަށަށް ގެނައުމަށް އިސް ނެންގެވީ ރާއްޖޭގެ އެންމެ ފުރަތަމަ މުސްލިމު ރަސްގެފާނެވެ.

އެ ރަދުން އެންމެ ފުރަތަމަ އެސޮރަށް އެންގީ ދިގުވުމަށް ކަމަށްވެ އެވެ. ދިގުވަމުން ގޮސް އިސް އުފުލައިގެން ނޫނީ އޭގެ މޫނު ނުފެންނަ ވަރަށް ދިގުވުމުން ދެން އެސޮރަށް އެންގެވީ ކުރުވުމަށެވެ. ސިހުރުގެ ބިރު ދައްކައިގެން އެ ސޮރު ކުޑަވަމުން ގޮސް ދޮޅު އިންޗިއަށް ވުރެ ކުޑަވީމާ ރަދުން އެ އެއްޗަށް އެންގެވީ ދެއިންޗި ހުންނަވަރުގެ ބިއްލޫރި ފުޅިއަކަށް ވަނުމަށެވެ. އެ ފުޅިއަށް ވަނުމުން އޭގެ މަތިޖަހާ ކަނޑުފައްތާނީ ކަމަށް ވެސް ރަދުން ވިދާޅުވި ކަމަށްވެ އެވެ.

ދާއްބަ އެ ކަމަށް އިންކާރުކޮށް ގަދަހަދަން ފެށުމުން ވެސް ރަދުންގެ ނިންމެވުމަކަށް ބަަދަލެއްނަ އެވެ. އެންމެ ފަހުން އަންދާލާނީ ކަމުގެ އިންޒާރު ދިނުމުން ދާއްބަ ކުރިމަތި ކުރުވީ ޝަރުތެކެވެ. އެ ޝަރުތު ފުރިހަމަ ނުކޮށްދެއްވާ ނަމަ އަންދާލިޔަސް ފުޅިއަށް ނުވަންނާނެ ކަމަށް އެސޮރު ބުންޏެވެ.

ޝަރުތެއްގެ ގޮތުގައި ދާއްބަ ހުށައެޅީ އެ ރަދުންގެ ރަސްކަން ނިމުމުން އަނބުރާ މާލެއަށް އައުމަށެވެ. އެހެންކަމުން އެ ރަދުންގެ ރަސްކަން ނިމުމުން އެކަމުގެ އިޝާރާތެއް ދިނުމަށް ދާއްބަ ޝަރުތުކުރި އެވެ.

މިކަމާ ވިސްނަވައި ރަދުން ވިދާޅުވި އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އިރުއޮއްސޭ ވަގުތު މާލެއިން ވަކި ރާގަކަށް ޖަހާ ބެރެއްގެ އަޑު އިވޭނެ އެވެ. ޖެހިޖެހިގެން ތިން ދުވަހު މިބެރުގެ އަޑު ނީވެއްޖެނަމަ ތިމަންގެ ވެރިކަން ނިމުނީ ކަމަށް ބަލައި މާލެއަށް އެރިއަސް އެންމެ ރަނގަޅެވެ. މިހެން ވިދާޅުވެ، ފައިގެ ފަލަމަސްގަނޑުގައި އަތުން ވަކި ރާގެއް ޖެއްސެވި ކަމަށްވެ އެވެ.

މިހެން ދެންނެވުމުން ދާއްބަ ފުޅިއަށް ވަނެވެ. އެސޮރު ފުޅިއަށް ވަނުމުން ފުޅީގެ މަތި ޖައްސަަވައި މާލޭގެ އިރު ދެކުނުން، މިހާރުގެ ލޮނު ޒިޔާރަތްކޮޅާ ދިމާލުން ކަނޑު ފެއްތެވި ކަމަށްވެ އެވެ.

ބުނެވޭ ގޮތުގައި އެ ހާދިސާގެ ކުރިން ލޮނުޒިޔާރަތް ކޮޅަކީ ވަރުލާރާޅު ނަގާ ހިސާބެއް ނޫނެވެ. އެހިސާބަށް ރާޅު ނަގަނީ މާލޭގެ އެހެން ސަރަހައްދުތަކެކޭ އެއްފަދައިން އެވެ. ނަމަވެސް މި ހާދިސާއަށްފަހު އެ ސަރަހައްދުގައި ވަރުނުލާ ރާޅުގަނޑެއް އުފެދުނީ ކަމަށްވެ އެވެ.

ވަރަށް ފަހަކާ ޖެހެންދެން މާލޭގެ ނާބުސްޚާނުން ޖަހާ ނާބަ ބެރުގެ ސިއްރަކީ މިއީ އެވެ. އެ ބެރު ޖެހުން ޖައްސަޖައްސައިގެން ތިން ދުވަހު ދޫކޮށް ނުލެއްވުމަށް އޭގެ ފަހުން ރަސްކަމަށް އިސްވެ ވަޑައިގެންނެވި ކޮންމެ ރަސްކަލަކު ވެސް ހާއްސަ ސަމާލުކަމެއް ދެއްވެވި އެވެ.

ދާއްބަ އަލުން އެރުމަށް ފުރުސަތު ނުދިނުމަށެވެ. މި ސަގާފަތް ހުއްޓަވާލެއްވީ އައްސުލްތާން މުހައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގަ އެވެ.

އެޑިޓަރުގެ ނޯޓް: ނޯޓް: މިއީ ދިވެހި ޑައިޖެސްޓްގެ 93 ވަނަ އަދަދުގައި ޝާއިއުކޮށްފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.