އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ބެން އެންޑް ޖެރީން ކުރަމުން އައި އައިސްކްރީމް ވިއްކުމުގެ ވިޔަފާރި ހުއްޓާލުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް އައިސްކްރީމް ބްރޭންޑް، ބެން އެންޑް ޖެރީން ބުނެފައި ވަނީ އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ހިނގަމުންދާ އަމަލުތަކަކީ އެކުންފުނީގެ އަސާސްތަކާ ޚިލާފުވާ ކަންތައްތަކެއް ކަމުން އެ ސަރަހައްދުގައި ވިޔަފާރިކުރުމަކީ އެ ކުންފުނީގެ އުސޫލުތަކާ ދެކޮޅު ކަމެއް ކަމަށެވެ.

އެ ނިންމުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެނެޓް ނަފްތާލީ ވަނީ ބެން އެންޑް ޖެރީގެ މި ނިންމުމަށް ފާޑު ވިދާޅުވެ، އެ ނިންމުމަކީ ބުއްދީގެ ގޮތުންނާއި މާލީ ގޮތުން ވެސް ގޯސް ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ.

ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ކޮންޓްރޯލް ކުރަމުން އަންނައިރު، އެ ސަރަހައްދުތަކުގައި 600،000 އަށްވުރެ ގިނަ ޔަހޫދީން ވަނީ އާބާދުވެ ދިރިއުޅެން ފަށާފަ އެވެ.

ހޯމަ ދުވަހު ބެން އެންޑް ޖެރީގެ ސޯޝަލް މީޑިއާގައި އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެ ނިންމުން ނިންމާފައި ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނާއި މެނޭޖްމަންޓްގެ ވެސް ލަފާގެ މަތިން ކަމަށެވެ.

އެ ނިންމުމާއެކު އިޒްރޭލުގެ އެހެން ސަރަހައްދުތަކުގައި އެކުންފުނީގެ ވިޔަފާރި ކުރިއަށްދާނެ ގޮތުގެ އުސޫލުތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާއްމު ކުރާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.