މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ރާއްޖެ އައިސްފައިވާ މީހުންގެ ތެރެއިން ކޮވިޑް ވެކްސިންގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނާއި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންތައް ކަރަންޓީނުން ދޫކޮށްލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
އެޗްޕީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ރާއްޖެ އައިސްފައިވާ މީހުންގެ ތެރެއިން ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ރާއްޖެ އައިސް ކަރަންޓީނުގައި މިވަގުތު ތިބި މީހުންނާއި އަދި ކޮވިޑް ޖެހި އެބަލިން ރަނގަޅުވެ، 60 ދުވަސް ނުވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިމަޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ވެކްސިނެއް ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭނުންކުރުމަށް ހުއްދަދީފައިވާ ކޮވިޑްގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، ސާދަ ދުވަހުގެ މުއްދަތު (ރާއްޖެ އައި ދުވަހާ ހަމައަށް) ހަމަވެފައިވާ މީހުންގެ ތެރެއިން ރާއްޖެ އައިސް ހަތް ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވެފައިވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް ނިއްމާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. އަދި އެ މީހުންނާއެކު ދަތުރުކޮށް ރާއްޖެ އައިސްފައިވާ، ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އިއުލާންގައިވެ އެވެ.
ރާއްޖޭގައި ކޮވްޑަށް ޕޮޒިޓިވްވެ، ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން 60 ދުވަސް ހަމަނުވާ (ސާމްޕަލް ނެގި ތާރީޚުން ފެށިގެން ރާއްޖެ އައި ދުވަހާ ހަމައަށް) މީހުން ކަރަންޓީނުން ދޫކޮށްލުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެޗްޕީއޭއިން ބުނީ ވެކްސިން ނުޖެހޭ ކުޑަކުދިން ކަރަންޓީނުން ދޫކުރުމަށް ނިންމާފައިވަނީ ޕީސީއާރު ޓެސްޓު ހެދުމަށްފަހު ކަމަށެވެ. އެ ކުދިން ރާއްޖެ އެތެރެވިތާ ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތު ހަމަވެފައިވާނަމަ ވަގުތުން ޕީސީއާރު ޓެސްޓު ހެދުމަށް އެޗްޕީއޭއިން ނެރުނު އިއުލާންގައި އަންގާފައިވެ އެވެ. އަދި ރާއްޖެ އެތެރެވިފަހުން ފަސް ދުވަސް ފުރިހަމަނުވާ ފަރާތްތަކުން، ފަސް ދުވަސް ފުރިހަމަވުމުން ޓެސްޓު ހެދުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.
ނަމަވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ނުވާ މީހުންނާއި، މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާ އަދި ކޮވިޑަށް ޕޮޒިޓިވްވި ފަހުން 60 ދުވަސް ހަމަވެފައިވާ މީހުން ސާދަ ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ސާދަ ދުވަހުގެ ކަރަންޓީން މުއްދަތު ނިމުމުން އެމީހުންގެ ސާމްޕަލް ނަގައި، ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީނުން ދޫކޮށްލާނެ ކަމަށް އެޗްޕީއޭއިންއިން ވަނީ ބުނެފަ އެވެ.