މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ ގޮތުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ "މާލޭ ސިޓީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން ހެންވޭރު މަގުތައް ހެދުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުން ކުރިޔަށްގެންދާ މާލޭގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ހެންވޭރުގެ ބައެއް މަގުތަކާއި ގޯޅިތައް ހަދަން މިއަދު ފަށާނެ ކަމަށެވެ. އަދި ތާރުއަޅައިގެން މާލޭގެ ބޮޑެތި ހުރިހާ މަގެއް ހެދުމުގެ ހުއްދައަށް ސަރުކާރުގައި އެދިފައިވާނެ ކަމަށާއި އުއްމީދަކީ އެ ހުއްދަ ވީހާ ވެސް އަވަހަކަށް ލިބުން ކަމަށް މޭޔަރު ވިދާޅުވި އެވެ.

މީގެ ކުރިން ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ ހެންވޭރުގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ހެންވޭރު އުތުރުގެ މައި މަގުތަކުގައި ތާރު އެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކައުންސިލުން ދެކޭތީ، އެ މަގުތަކުގައި ތާރު އެޅުމުގެ ހުއްދަ އަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ.

"ސަރުކާރުގެ އެޕްރޫވަލަށް މިހާރު ހުށަހަޅާފައި ވާނީ ސޯސަން މަގު، އަމީރު އަހުމަދު، މަގު މިހެން ހުރި މައި މަގުތައް، ޖަނަވަރީ މަގު މިހެންގޮސް މައި ހުރިހާ މަގަކީ ތާރު އަޅައިގެން ހެދެންޖެހޭ މަގުތަކެއްގެ ގޮތުގައި ކައުންސިލުން ދެކޭތީ ސަރުކާރުން ކަމާބެހޭ ވުޒާރާގެ އެޕްރޫވަލް އަށް މިހާރު ވަނީ ފޮނުވާފައި،" މުއިއްޒު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު އޭރުގެ ސިޓީ ކައުންސިލުން އާރުޑީސީއަށް މާލޭގެ މަގުތައް ހެދުން ހަވާލުކޮށްފައި ވަނީ 462 މިލިއަން ރުފިޔާ އަށެވެ. ވެސްޓު ޕާކުގެ ސަރަހައްދުގެ ހަތް މަގު މި މަޝްރޫއުގެ ދަށުން ފުރަތަމަ ހަދަން ނިންމާފައިވާއިރު، އޭގެ ތެރެއިން ބައެއް މަގުތަކުގެ މަސައްކަތްތައް ވަނީ ނިމިފަ އެވެ.