ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އޮފީސް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތި ފަޅައިލި މައްސަލާއާ ސިޔާސީ ގޮތުން ގުޅުމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީހުން ތަކުރާރުކޮށް ވައްކަން ކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވުމާ ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ދިން ޖަވާބުގަ އެވެ.

އާރްޑީސީގެ އޮފީސް ފަޅައިލި އެއްވެސް މައްސަލައަކާ ސިޔާސީކަމަކާ ނުވަތަ ސިޔާސީ މީހަކާ އެއްވެސް ގުޅުމެއް އޮތްކަން ފުލުހުންގެ ތަހުގީގަށް ފާހަގަވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އަހަރު ތިންވަނަ ފަހަރަށް އާރުޑީސީގެ އޮފީސް ފަޅާލާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު ކުރެއްވި ޓުވީޓެއްގައި މޫސަ ވަނީ އޮފީހަށް ގެއްލުންދީ ވައްކަންކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑު އޮންނަ ފަރާތްތައް ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން މި އަހަރު ދެ ފަހަރެއްގެ މަތިން އާރުޑީސީ އޮފީސް ފަޅާލާފައިވާއިރު، އޭޕްރީލް މަހު އެ އޮފީސް ފަޅައިލާ އެތަނަށް ވަން ބަޔަކުވަނީ 100،000 ރުފިޔާ ވަގަށް ނަގާފަ އެވެ. އަދި ހަފުތާއެއްހާ ދުވަސް ފަހުން ދެވަނަ ފަހަރަށް އޮފީސް ފަޅައިލި އެވެ. އެ ފަހަރު ގެންގޮސްފައި ވަނީ 3،000 ރުފިޔާ އެވެ.