ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭ ދޭވްގަން ކުރިއަށް އޮތް ފިލްމު "ދުރިޝަމް 2" ޝޫޓިން އަންނަ ޑިސެމްބަރު މަހު ފެށުމަށް ނިންމައިފި އެވެ.

ވަރަށް ތަފާތު ހާދިސާއެއްގެ މައްޗަށް ބިނާކޮށް 2015 އަހަރު ގެނެސްދިން ފިލްމު "ދުރިޝަމް" ގެ ސީކްއެލް ހަދާ ދެ ވަނަ ބައިގެ ޝޫޓިންތައް ފެށުމަށް ތައްޔާރުވުމަށް އަންނައިރު މި ފިލްމުގައި ވެސް އަޖޭއާއެކު ބަތަލާ ތައްބޫ ފެނިގެންދާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ދުރިޝަމް" ޝޫޓިންތައް ފެށުމަށް ހަމަޖެހިފައި ވަނީ މިހާރު އަޖޭ ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ނިމުމުންނެވެ. އެގޮތުން އަންނަ ޑިސެމްބަރު މަހަށް އަޖޭ މިފިލްމަށް ވަގުތު ދިނުމަށް ވަނީ ނިންމާފަ އެވެ.

މިފިލްމު ޑައިރެކްޓަރަކީ އަބީޝޭކް ޕާތަކް އެވެ.

ދުރިޝަމް ޕޯސްޓަރު

މިދިޔަ އަހަރު މަރުވި ޑައިރެކްޓަރު ނިޝިކާންތު ކަމަތު 2015 ގައި ގެނެސްދިން "ދުރިޝަމް" އަކީ އާދައިގެ ދިރިއުޅުމެއް އުޅޭ އާއިލާއެއްގެ އަންހެން ކުއްޖަކަށް ޒުވާނަކު ބިރު ދައްކައި ބްލެކްމެއިލް ކުރަމުންދިޔަ މައްސަލައެއް ފަޅާއަރައި، އާއިލާގެ ތެރޭގައި ވަރަށް ސިއްރުވެރި ގޮތަކަށް އެ ޒުވާނާ މަރާލައި އޭނާގެ ހަށިގަނޑު ނައްތައިލުމުން އޭގެ ހަގީގަތް ހޯދަން ކުރާ މަސައްކަތް ވަރަށް ޝައުގުވެރި ގޮތަކަށް ކިޔައިދިން ފިލްމެކެވެ.

"ދުރިޝަމް" ގައި އަޖޭ އާއި ޝްރިޔާ ސަރަން ކުޅުނީ ދެ ކުދިންގެ މައިންބަފައިންގެ ރޯލެވެ. ތައްބޫ އަކީ އެ އާއިލާ އިން މަރާލާ ޒުވާނާގެ މަންމަ އަދި ފުލުހެކެވެ.

https://www.youtube.com/watch?v=0f-nd1uGsjQ

"ދުރިޝަމް 2" ގެ ހިންދީ ރިމެކް ފެނިގެންދާނީ ކުރީގެ ފިލްމުގެ ވާހަކަ ދިގުމެމިގެންދާ ގޮތެވެ.

އަޖޭ އާއި ޝްރިޔާއަކީ މި އަހަރު ރިލީޒްކުރާ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އިން އެކީގައި ފެންނާނެ ދެ ތަރިންނެވެ. އެކީގައި ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަޖޭ އާއި ތައްބޫ އެންމެ ފަހުން އެކީގައި ފެނުނު ފިލްމަކީ 2018 ގެ "ދޭ ދޭ ޕިޔާރު ދޭ" އެވެ.

އަޖޭގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ގަންގޫބާއީ ކަތިއަވާޅީ"، "މައިދާން"، "ތޭންކް ގޯޑް"، ތަމަޅަ ފިލްމު "ކައިތީ" ގެ ރިމޭކްގެ އިތުރުން "ޗަނަކިއާ" ހިމެނެ އެވެ. މީގެ އިތުރުން އޭނާ މިހާރު އަންނަނީ އަލަށް "ރުދުރާ" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.