ހިޔާ ފްލެޓްތަކުން ރަސްމީކޮށް ކުނި ނެގުމާއި ހަވާލުވާނީ އަންނަ ނޮވެމްބަރު މަހުގައިކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ކުނި ނެގުމުގެ މަސައްކަތާ އެ ކުންފުނިން ރަސްމީކޮށް ހަވާލެއް ނުވާ ކަމަށެވެ. އަދި މި މަސައްކަތާ ރަސްމީގޮތުން ހަވާލުވާނީ އަންނަ ނޮވެމްބަރު މަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓުތަކަށް އެއްކޮށް މީހުން ބަދަލުވުމާއި އެކުގައި އެތަނުން މުޅިއަކު 30 ޓަނުގެ ކުނި އުކާލުުގެ މަސައްކަތް ކުރާނެ ކަމަށް ވެމްކޯއިން ބުނެފައިވީ ނަމަވެސް މިހާތަނަށް އެ އިމާރާތް ހެދުމުގައި ކުނި މެނޭޖުކުރެވޭ ފަދަ އެކަށީގެންވާ ނިޒާމެއް ގާއިމުވެފައި ނުވާ ކަމަށާއި، މިއީ އެކުންފުނިން ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

މިގޮތުން ފްލެޓުތައް ހެދުމުގެ މަސައްކަތްކުރާ މީހުން އެ މަސައްކަތުގައި އުކާލާ ކުނި އިމާރާތްތަކުގެ އެކި ތަންތަނަށް އެޅުމުގެ ސަބަބުން ފްލެޓުގެ އެކި ސަރަހައްދުތަކުން ކުނި ވަސް ދުވުމާއި، އިމާރާތް ހެދުމުގެ ތެރޭގައި ގާކުޑި ފަދަ ތަކެތި އުކާލެވޭނެ ފަދަ ހަރުދަނާ އުސޫލެއް ގާއިމުވެފައި ނުވާކަން އެކުންފުނިން ވަނީ ފާހަގަ ކޮށްފައިވެ އެވެ. މީގެއިތުރުން އިމާރާތުން އުކާލާ ކުނި ޓަވަރުގެ ތިރިއަށް ގެންދަންޖެހުން ފަދަ ކަންކަން ވެސް ފާހަގަވެއެވެ.

ހިޔާ ފްލެޓުތަކުގައި ކުނި ކަލެކްޓު ކުރުމުގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ މިހާރު
އާދަމް މުހައްމަދު

އެހެންނަމަވެސް މި މައްސަލަ ތަކާއިއެކުގައިވެސް ވެމްކޯއިން ދަނީ ކުނި ގެންދެވޭނެ ފަދަ ނިޒާމެއް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށް އެކުންފުނީގެ އެމްޑީ އާދަމް މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.