ފުންނާބު ފަޅައިގެން ދިއުމަކީ ވަރަށް ގިނަ މީހުންނަށް ހާއްސަކޮށް އަންހެނުންނަށް ދިމާވާ މައްސަލަ އެކެވެ. މޫސުމަށް އަންނަ ބަދަލާއެކު ވެސް ފުންނާބު ފަޅައިގެން ދިއުމުގެ މައްސަލަ ބޮޑުވެ އެވެ. ބައެއް މީހުންގެ ފުންނާބު ފަޅައިގެން ގޮސް ލޭ އައިސް އަދި ފަޅައިގެން ގޮސްފައިވާ ތަނުގައި ބެކްޓީރިއާ އަށަގަންނަ ގޮތްވެސް ދިމާވެ އެވެ.

އާންމުކޮށް ފައި ފަޅައިގެންދާ ސަބަބުތަކުގެ ގޮތުގައި ސިއްހީ މާހިރުން ފާހަގަކުރާ ކަންތަކުގެ ތެރޭގައި ހިމެނެނީ އެކަށީގެންވާ މިންވަރަށް ފައިދޮވެ ސާފުނުކުރެވުމާއި، ހޫނު ގަދަވުމާއި، ފައިގެ ދަށްފުށުގެ ހަން މާބޮޑަށް ހިކުމާއި، އިންފެކްޝަން އުފެދުމާއި، ހަކުރު ބަލި ނުވަތަ ތައިރޮއިޑްގެ ސަބަބުން ހަން ކުރަކިވުމުގެ އިތުރުން ފަޔާއި ނުގުޅޭ ފައިވާނަކަށް އެރުން ފަދަ ކަންތައް ހިމެނެ އެވެ.

މިކަމަށް ކުރެވިދާނެ ފަރުވާތަކުގެ ތެރޭގައި ކާށިތެލުން މަސާޖު ކުރުން ހިމެނެ އެވެ. ނިދަން އޮށޯތުމުގެ ކުރިން ފައި ރީއްޗަށް ދޮވެލާފައި ފޮހެލުމަށްފަހު ފައިގެ ފަޅައިގެން ގޮސްފައިވާ ހިސާބުގައި ތާޒާ ކާށިތެޔޮ އުނގުޅާށެވެ. ތެޔޮ އުނގުޅާނީ ތަންކޮޅެއް ގިނައިންނެވެ. ދެން ބައިގަޑިއިރު ނުވަތަ 20 މިނިޓް ވަންދެން މަސާޖް ކުރާށެވެ. އަދި އެއަށްފަހު ބޯ އިސްޓާކީނަކަށް އަރައިގެން ނިދާށެވެ. ރޭގަނޑު އެއްކޮށް މި ގޮތަށް ބެހެއްޓުމުން ރަނގަޅުވާނެ އެވެ.

މީގެ އިތުރުން ތާފަނާ ފެނުގެ ތެރޭގައި 20 ވަރަކަށް މިނެޓް ވަންދެން ފައި ލައިގެން އިންނާށެވެ. ވިހި މިނެޓްވުމުން ފައި ރަނގަޅަށް ހިއްކާލުމަށް ފަހު ރަނގަޅު މޮއިސްޗަރައިޒާއެއް ނުވަތަ ވެސްލިން ބޭނުން ކުރާށެވެ.

މިގޮތުގެ މަތިން ގަވާއިދުން އަމަލު ކުރާނަމަ މާ ލަސްތަކެއް ނުވެ ފައިގެ ހަން އޮމާންވެ ތާޒާ ވެދާނެ އެވެ.