ފެނަކީ އަހަރެމެންނަށް ދެއްވާފައިވާ އެންމެ ބޮޑު އެއް ނިއުމަތެވެ. އެއީ އެއާ ނުލާ ދިރިއުޅުމުގެ އެއްދުވަސް ވެސް ވޭތު ކުރަން އުނދަގޫ އެއްޗެކެވެ. އަދި ހަމަ އެހެން އޭގައި އަހަރެމެންގެ ހަށިގަނޑަށް ބޭނުންވާ އެކި ފައިދާތައް ވެސް ލައްވާފައިވާ އެއްޗެކެވެ. އޭގެ ތެރެއިން މުހިއްމު ބައެއް ކަންކަމަށް ބަލާލާނަމެވެ.

ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދޭ

ރަނގަޅު ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ދުވާލަކު މަދުވެގެން 8 ތަށި ފެންބޯށޭ ބުނާ އަޑު އެންމެން ވެސް އަހާނެ އެވެ. އެކަމަކު އެއީ 8 ތަށިން ފުއްދާލާށެކޭ ނޫނެވެ. ސަބަބަކީ ހަމައެކަނި 8 ތަށި އެއީ ފުދޭވަރަށް ނުވެދާނެތީ އެވެ. ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޮވިއްޖެނަމަ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދެ އެވެ. އެއީ ފެނަކީ ހަށިގަނޑަށް އެތެރެވާ ކެލޮރީ އެއްވަރެއްގައި ހިފަހައްޓުމަށް އެހީވެދޭ އެއްޗަކަށް ވާތީ އެވެ.

ހަށިގަނޑަށް ހަކަތަ ލިއްބައިދޭ

ވަރުބަލިވެގެން ގޮސް އެންމެ ފުރަތަމަ ބޮއެލެވޭނީ ބޮޑު ފެންފުޅި އެކެވެ. ކީއްވެ ހެއްޔެވެ؟. ހަށިގަނޑުގައި ފެންމަދުވެއްޖެ ނަމަ ވަރުބަލިވެ ހަށިގަނޑު ލޮޑުވާ ގޮތްވެ އެވެ. ހަށިގަނޑުގައި ބުންވަރު ހިފެހެއްޓުމަށް ގިނައިން ފެން ބުއިމަކީ މުހިއްމު ކަމެކެވެ.

ހަންގަނޑު ރީތިކޮށް ދެމެހެއްޓުމަށް އެހީވެދޭ

އަހަރެމެންގެ ހަންގަނޑުގައި ގިނަ އަދަދަކަށް ފެން ހިމެނެ އެވެ. ހަންގަނޑުގެ ކުލަ އަލިކޮށް ތާޒާ ކަންމަތީ ދެމެހެއްޓުމަށް ފެން މުހިއްމު ރޯލެއް އަދާކުރެ އެވެ. ހަންގަނޑުގައި ޖެހޭ ރޫ ނުވަތަ “ވްރިންކަލްސް” ފިލުވާލުމަށާއި މޫނުގައި ޖަހާ ބިހިތައް ފިލުވާލުމަށް ފެނަށްވުރެ މޮޅު ބޭހެއް ނުލިބޭނެ އެވެ.

ބަލިތަކުން ދުރުކޮށްދިނުމަށް އެހީވެދޭ

ބޮލުގައި ރިހުމަކީ އާންމުކޮށް އެންމެންނަށްވެސް ދިމާވާ މައްސަލަ އެކެވެ. ހަށިގަނޑުގައި ހުންނަން ޖެހޭ ވަރަށްވުރެ ފެންމަދުވެއްޖެ ނަމަ ބޮލުގައި ރިހުމަކީ އާންމު ބައްޔެކެވެ. ބޮލުގައި ރިހުން ހުއްޓުވުމަށް އަބަދުވެސް ފެންބުއިމަށް އާދެކުރާށެވެ.