މަޖިލީހުގައި ހުންނަވަނިކޮށް ހާލުކޮޅު ދެރަވެ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ޝިޔާމް ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މަޖިލިސް ގޯތިތެރޭގައި ހުންނަ ކުޑައެއްގެ ދަށުގައި އިންވަނިކޮށް ކުއްލިއަކަށް ސިއްހީ ހާލަތު ގޯސްވެގެންނެވެ.
ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝިޔާމްގެ ސިއްހީ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު މިއަދު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
އޭނޭގަ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އެ ޕާޓީން ބުންޏެވެ.
ޕީޕީއެމް އިން ބުނީ މިއަހަރުގެ ޖޫން މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހިނގި ހަމަނުޖެހުމުގައި ޝިޔާމްގެ މައިބަދައަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް ސިއްހީ އެކިއެކި މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ.
މެންބަރު ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވެސް ޕީޕީއެމުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.