އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި ޝައްކު އުފެދިގެން ހިނގަމުން އަންނަ ތަހުގީގުގައި ފިރިހެން މީހާގެ ދިވެހި ލޯބިވެރިޔާ މިއަދު ހައްޔަރުކޮށްފި އެވެ.

މޭރީ ގްރޭސް ނަމަކަށް ކިޔާ މީހާ މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ފުރަތަމަ ހައްޔަރުކުރީ އޭނާގެ ފިރިމީހާ އެވެ. އުމުރުން 29 އަހަރުގެ މާވިންއަކީ ވެސް ފިލިޕީންސްއަށް އުފަން މީހެކެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ހުށަހެޅި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދިވެހި އަންހެން މީހާ އަކީ މާވިންގެ ލޯބިވެރިޔާ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނަރުސްގެ މަރުގެ މައްސަލައާ ގުޅިގެން 24 އަހަރުގެ ދިވެހި އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ނަރުސް މޭރީ މަރުވީ ދަންޖެހި ގެންނެއް ނޫން ކަމަށެވެ. އަދި އެ ނަރުސް މަރުވެފައި ވަނީ ގަސްދުގައި ދިން އަނިޔާތަކެއްގެ ސަބަބުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގްރޭސްގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އޭނާގެ ހަށިގަނޑުގެ ޕޯސްމޯޓަމް ހެދީ އިންޑިޔާއަށް ފޮނުވައިގެންނެވެ. އެ ޕޯސްޓްމޯޓަމް އިން ދެއްކީ މޭރީ މަރުވީ ނޭވާ ހާސްކޮށްލުމުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ގްރޭސްއާއި އޭނާގެ ފިރިމީހާގެ ކައިވެންޏަށް ފަސް އަހަރުވެފައިވާއިރު، އެ ދެމަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ. އެހެންނަމަވެސް އެ ދެމަފިރިންގެ މެދުގައި މައްސަލަތަކެއް ޖެހެމުންދިޔަ ކަމަށް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވެ އެވެ.

މިގޮތުން މި މައްސަލަތައް އިތުރަށް ގޯސްވާން ފެށީ ގްރޭސްގެ ފިރިމީހާ، އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި އަންހެނަކާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން ކަމަށްވެ އެވެ.