މިޒަމާނުގެ މައިންބަފައިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮން ޖެހުމަކީ ކުދިން "ފޫހިވެގެން" އުޅޭ ވަގުތު ތަކެވެ. ކުޑަކުއްޖަކު "އަހަރެން ފޫހިވަނީއޭ" ބުނެފިނަމަ މައިންބަފައިން ހާސްވެ، އެކުދިން މުނިފޫހި ފިލުވައިދޭނެ ކޮންމެވެސް ކަމެއް ހޯދައިދޭން ނުވަތަ އަތަށް ފޯނެއް ނުވަތަ ޓެބްލެޓެއް ދޭން އަވަސްވެގަނެ އެވެ.

ނަމަވެސް ނަފްސާނީ މާހިރުންނާއި ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ދިރާސާވެރިން ބުނަނީ މުޅިން ތަފާތު ވާހަކަ އެކެވެ. ކުދިން ފޫހިވުމަކީ އެކުދިންނަށް ދެވޭ "ހަދިޔާއެއް" ކަމަށާއި، އެއީ ފައިދާހުރި ކަމަށެވެ.

ފޫހިވުމުން ކުދިންގެ ސިކުނޑިއަށް ވަނީ ކިހިނެއް؟

ކުއްޖަކު ފޫހިވާ ވަގުތަކީ އޭނާގެ ސިކުނޑީގެ އުފެއްދުންތެރިކަން ހޭލައްވާލާ ވަގުތެވެ. ކުރާނެ ވަކި ހާއްސަ ކަމެއް ނެތި ބޭރުގެ އެއްވެސް ނުފޫޒެއް ނެތުމުން ކުއްޖާގެ ސިކުނޑިން އަމިއްލައަށް ކަމަކާ މެދު ވިސްނަން މަޖުބޫރު ކުރުވަ އެވެ.

މާހިރުން ވިދާޅުވާ ގޮތުގައި ފޫހިވުމުން ކުދިންނަށް ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި:

  • އަމިއްލަ ނަފްސު ހޯދުން: ކުރާނެ ކަމެއް ނެތް ވަގުތު، ކުދިން އަމިއްލަ ހިޔާލީ ދުނިޔެއަކަށް ގޮސް އާ ގޭމްތައް އުފައްދައި، ކުރަހައި، ނުވަތަ ވާހަކަ ހަދަން ފަށަ އެވެ. މިއީ އެކުދިންގެ ޝައުގުވެރިކަން ހުންނަ ދާއިރާތައް ދެނެގަންނަން ލިބޭ ފުރުސަތެކެވެ.
  • މައްސަލަ ހައްލު ކުރަން ދަސްވުން: ފޫހިކަން ފިލުވާނީ ކިހިނެއްތޯ ވިސްނުމަކީ ކުދިންގެ މައްސަލަ ހައްލު ކުރުމުގެ ހުނަރު އިތުރުވާ ކަމެކެވެ.
  • އަމިއްލައަށް ކަންކަން މެނޭޖްކުރުން: މައިންބަފައިންގެ އެހީއާ ނުލައި އަމިއްލަ ވަގުތު ބޭނުން ކުރާނެ ގޮތް ދަސްވުމަކީ މުސްތަގްބަލުގައި ކަންކަމަށް މިނިވަންވުމަށް އެހީތެރި ވެދޭނެ ކަމެކެވެ.

"ސްކްރީން" ތަކުގެ ސަބަބުން ކުދިންނަށް ގެއްލެނީ ކޮން އެއްޗެއް؟

މިޒަމާނުގައި ކުއްޖަކު ފޫހިވާން ފަށާއިރަށް އަތަށް ފޯނެއް ނުވަތަ އައިޕެޑެއް ދިނުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް މީގެ ސަބަބުން ކުއްޖާގެ ސިކުނޑިއަށް ލިބެންޖެހޭ "ބޯޑަމް ބެނެފިޓްސް" ނުވަތަ ފޫހިވުމުން ލިބޭ ފައިދާތައް އެއްކޮށް ހުއްޓެ އެވެ.

ސްކްރީންތަކުން ލިބޭ ވަގުތީ އުފާވެރިކަމުގެ ސަބަބުން ކުދިންގެ ކެތްތެރިކަން ކުޑަވެ، އަމިއްލައަށް ވިސްނައިގެން ކަމެއް ކުރުމުގެ ޝައުގުވެރިކަން ގެއްލެ އެވެ.

މައިންބަފައިން ހަދަންވީ ގޮތަކީ ކޮބާ؟

މާހިރުންގެ އިރުޝާދަކީ ކުދިން "ފޫހިވެގެން" އުޅޭ ވަގުތު އެކަމާ ހާސް ނުވުމެވެ. އޭގެ ބަދަލުގައި ތިރީގައިވާ ކަންކަން ކުރެވިދާނެ އެވެ<

  • ވަގުތު ދިނުން: ކުއްޖާ ފޫހިވެގެން ޝަކުވާ ކުރި ނަމަވެސް، ވަގުތުން ހައްލެއް ހޯދައިނުދީ، ކުޑަ ވަގުތުކޮޅަކަށް ދޫކޮށްލާށެވެ. ގިނަ ފަހަރަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި އެކުދިން އަމިއްލައަށް ކޮންމެވެސް ކުޅިވަރެއް ހޯދާނެ އެވެ.
  • ސިލްސިލާ ތާވަލުތައް މަދު ކުރުން: ކުދިންގެ މުޅި ދުވަސް ކްލާސްތަކާއި، ޓިއުޝަންތަކުން ފުރާ ނުލާށެވެ. އެކުދިން އަމިއްލައަށް ބޭނުން ގޮތަކަށް އުޅެލަން ހުސް ވަގުތު ދުވަހުގެ ތެރެއިން ހުސް ކުރާށެވެ.
  • ސާދާ ސާމާނު ދިނުން: އަގުބޮޑު އިލެކްޓްރޯނިކް ކުޅޭ އެއްޗެހީގެ ބަދަލުގައި، ކަރުދާސް، ކުލަ، ބްލޮކްސް، ނުވަތަ ގޭތެރޭގައި ހުންނަ އާދައިގެ ސާމާނު ބޭނުން ކޮށްގެން ކުޅުމަށް ހިތްވަރު ދޭށެވެ.

ދުވާލަކު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ކުދިން ފޫހިކަމުގައި ހޭދަ ކުރުމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށާއި ސިކުނޑީގެ ހެދި ބޮޑު ވުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.