އޭނާއަކީ ބިއުޓީޝަނެއް. ކެބިން ކުރޫއެއް. ބޭކާއެއް. އޭނާ ބޭކިން ދަސްކުރީ ކޮވިޑް ތެރޭގައި ލޮކްޑައުންގައި ވަޒީފާއަށް ނުދެވި ގޭގައި ހުރި ދުވަސްވަރު. ހޮބީއެއްގެ ގޮތުގައި ފެށި މިމަސައްކަތް ދަސްކުރީ އެކި ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލައަށް. މަސައްކަތް ދަސްވުމުން، އޭނާ ދަސްކުރާ ރެސިޕީތަކަށް ބަދަލު ގެނެސް އަމިއްލަ "ޓަޗް" އޭގައި ހިމެނި. ބްރައުނީސް ބާ ތައްޔާރުކޮށް އެއަށް ގިނަ ބައެއްގެ ތަރުހީބު ލިބުމުން، ދެވަނަ މަސައްކަތެއް ވެސް ފެށި. މިއަދު އޭނާ ގެންދަނީ ހޮބީއެއްގެ ގޮތުގައި ފެށި އެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ތައްޔާރީތައް ވަމުން.

ކޮވިޑްގެ ހާލަތުގައި ދުނިޔޭގެ ގިނަ ބަޔަކު ގޭގައި ލޮކްޑައުންގައި ތިބިއިރު، ސިކުނޑިއަށް ލިބުނު ހުސްކަން ފިލުވާލުމަށް ތަފާތު މަސައްކަތް ކުރި އެވެ. ރަސްމީ މަސައްކަތާ ދުރުވެލާ، މުޅިން ތަފާތު މަސައްކަތް ދަސްކުރި އެވެ. އާ "ހޮބީ"ތަކުގެ ބޭނުން ހިފި އެވެ. މި ހުނަރުވެރިޔާއަކީ ވެސް ލޮކްޑައުންގައި އަމިއްލަ ދާއިރާ އާއި ވަގުތީ ގޮތުން ދުރުވެލައި ބޭކިންގެ މަސައްކަތަށް ނުކުތް ހީވާގި ޒުވާނެކެވެ. މިއަދު އޭނާ އެގެންދަނީ ހޮބީއެއްގެ ގޮތުގައި ކުރަން ފެށި މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު އިތުރަށް ފުޅާކުރަމުންނެވެ.

ދުންޔާ އަހުމަދު (ދުންނަ)، ފުރަތަމަ މަސައްކަތުގެ މައިދާނަށް ނުކުމެ ޒީ ސެލޫންގައި މަސައްކަތް ކުރީ "ބިއުޓީޝަން"އެއްގެ ގޮތުގައި އެވެ. އޭރު އޭނާގެ މަސައްކަތަކަށްވީ އަންހެން ކުދިން މޭކަޕް ކުރުމާއި ރީތި ކުރުމެވެ. ދެތިން އަހަރު ސެލޫންގައި މަސައްކަތް ކުރުމަށް ފަހު ދެން އޭނާ ނިންމީ ކެބިން ކުރޫއަކަށް ވުމަށެވެ.

ދުންނަ ކެބިންކްރޫ ޔުނިފޯމް ގައި ފޮޓޯއަކަށް ހުއްޓިލައިގެން: ފްލައި ކުރުމުގައި 9 އަހަރުގެ ތަޖުރިބާ ލިބިފައިވޭ

އޭވިއޭޝަންގެ ދާއިރާ އާއި ގުޅި ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ވަބާގައި އޭނާގެ މަސައްކަތަށް ވެސް ހުއްޓުމެއްގަ އެވެ. ލޮކްޑައުންގައި މުޅި ދުނިޔޭގެ އެންމެން ކަންކުރި ގޮތަށް އޭނާ ވެސް ގޭގައި ހުންނަން ޖެހުނެވެ.

"ކޮވިޑްގެ ލޮކްޑައުން އައިއިރު އަޅުގަނޑު މަސައްކަތް ކުރަމުން އައީ ކެބިން ކްރޫއެއްގެ ގޮތުގައި. އެ ދުވަސްވަރު ކުއްލިއަކަށް މަސައްކަތަށް ހުއްޓުމެއް އައިސް ގޭގައި މަޑުކުރަން ޖެހުމުން ފޫހިވެގެން ބޭކިންގެ މަސައްކަތް ފެށީ. ކޮވިޑްގެ ހާލަތު ރަނގަޅުވުމުން އަނެއްކާ ވެސް ވަޒީފާއަށް ނުކުތިން. ފްލައިން ހުއްޓާލީ 2024 ގައި،" ވިލާ އެއާ ފްލައިމީގައި ނުވަ އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ދުންނަ ބުންޏެވެ.

ދުންނަ ފާހަގަ ކޮށްލެވެނީ އަބަދުވެސް ކެއްކުމަށް ޝައުގުވެރިކަން ހުންނަ ޒުވާނެއްގެ ގޮތުގަ އެވެ. މީރު ކެއުންތައް ތައްޔާރުކޮށްފައި ރައްޓެހިންނަށް ދައުވަތު ދިނުމަކީ އޭނާ އެންމެ ގަޔާވާ މަސައްކަތެވެ. ގާތް މީހުން އުފާކޮށްލަން ބޭނުންވުމުން މީރު އެއްޗެހި ކައްކާފައި ކާން ދައުވަތު ދޭކަމަށް އޭނާ ބުންޏެވެ. އެގޮތަށް ކަންތައް ކުރުމަކީ އޭނާގެ "ލަވް ލޭންގުއޭޖް"ގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

ދުންނަ ކޭކެއްގަ އައިސިން ޖަހަމުން ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާ ވަރަށް ގިނަ ވައްތަރުގެ ކޭކު އަޅާ

ބްރައުނީސް ބާ: އަމިއްލަ ރެސިޕީ

ކޮވިޑް ތެރޭގައި އޭނާ އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ބްރައުނީސް ބާ ހެދުމެވެ. ޔޫޓިއުބް އާއި ޓިކްޓޮކް ވީޑިއޯތަކުން ބްރައުނީސް ހަދަން ދަސްކުރުމަށް ފަހު އަމިއްލަ ގޮތް ގޮތަށް އެ ރެސިޕީ އޭނާ ބަދަލުކުރި އެވެ. ދުންނަ އާންމުކޮށް ހަދާ ބްރައުނީސްތަކުގެ ތެރޭގައި ކްލަސިކް ޗޮކުލޭޓް، ނަޓެއްލާ ފްލޭވާސް، ކްރީމް ޗީޒް ބްރައުނީސް، ހާޝޭޒް ކްރީމް ޗީޒް ބްރައުނީސް، ހާޝޭޒް ކުކީޒް އެންޑް ކްރީމް ޗީޒް ބްރައުނީޒް، ޕިސްޓާޗިއޯ ކުނަފާ ބްރައުނީސް، ވައިޓް ޗޮކުލެޑް ބްލޮންޑީސް، ބްރޫކީޒް ހިމެނެ އެވެ.

ދުންނަ ހަދާފައިވާ ބްރައުނީސް: އޭނާގެ ބްރައުނީސްބާތަކަށް ބޮޑު ތަރުހީބެއް ލިބިފައިވޭ

"އޭރު ނޭނގޭ އެހާ ބޮޑަކަށް ބްރައުނީސް ހަދާކަށް އަދި ކޭކު ވެސް އަޅާކަށް. އަމިއްލައަށް އެކި ގޮތްގޮތުން މި މަސައްކަތް ދަސްކުރީ. ބްރައުނީސް ބާ ހަދަން ފެށީ މީގެ ފަސް އަހަރު ކުރިން. ފުރަތަމަ ދުވަހުން ފެށިގެން މެދު ނުކެނޑި އެ މަސައްކަތް މިގެންދަނީ ކުރަމުން،" ހުޅުމާލޭގައި ބްރައުނީސް ބާގެ އައުޓްލެޓެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ދުންނަ ވަރަށް އުފަލާއެކު ބުންޏެވެ.

ކޭކް މަގް: ޑިމާންޑް ބޮޑު، މީރު އަދި ރަނގަޅު ހަދިޔާއެއް

ބްރައުނީސްގެ ކާމިޔާބު ތަޖުރިބާއަށް ފަހު، ދެން އޭނާ ފެށީ ކޭކު އަޅާށެވެ. މިފަހަރު ވެސް މަސައްކަތް ދަސްކުރީ ހަމަ އަމިއްލަ މަސައްކަތުންނެވެ.

"އަޅުގަނޑު ވަރަށް ގިނަ ވައްތަރުތަކުގެ ކޭކު އަޅަން. އޭގެ ތެރޭގައި ޗޮކުލެޓް ކޭކްސް، ބަޓާ ކޭކްސް، ދެން ބެންޓޯ ކޭކާއި އެކި ސައިޒުގެ ކޭކު އަޅަން. ބޮޑެތި ކޭކު ވެސް މިހާރު ހަދަން. އަދި ބައެއް ކުދި ހަފަލާތަކަށް ބެންޓޯ ކޭކަށް އޯޑާސް ވެސް ލިބޭ،" ދުންނަ ބުންޏެވެ.

ދުންނަ އަޅާ ކޭކުތަކުގެ ތެރޭން އެންމެ ބޮޑު ތަރުހީބެއް މިހާތަނަށް ލިބިފައިވަނީ އޭނާގެ ހިތްގައިމު، "މަގް ކޭކް" އަށެވެ. މަގް ކޭކު ހެދުމަށްޓަކައި ބޮޑު ބަޓާ ކޭކެއް އޭނާ ފިހަ އެވެ. އެއަށް ފަހު، މަގަށް ފެތޭ ވަރަށް ކޭކު ކަފައި، ޖޯޑުގެ ތެރެއަށް ލައިފައި އައިސިން ޖަހައި "ޑެކަރޭޓް"ކުރެ އެވެ. މަގް ކޭކާ އެއްކޮށް ކޭކުލާފައި އިންނަ މަގު ވެސް ހަދިޔާ ކުރެ އެވެ. ލޯބިވާ މީހަކަށް ހަދިޔާއަކަށް ދޭން ވެސް މަގް ކޭކަކީ އެންމެ "ޕާފެކްޓް ގިފްޓް" އަށް ވަނީ މި ސަބަބަށްޓަކަ އެވެ.

ދުންނަގެ ހިތްގައިމު މަގްކޭކްސް: މިއީ އޭނާގެ އެންމެ ޑިމާންޑް ބޮޑު މަސައްކަތް

"ފުރަތަމަ އޯޑަރަށް ބްރައުނީސް ބާ ހެދި އިރު އަޅުގަނޑަކަށް ނޭނގޭ ޑެލިވަރީގެ އެއްވެސް ކަމެއް. އޭރު އެ މަސައްކަތުގައި އެންމެ ބޮޑަށް އުޅޭނީ އަޅުގަނޑުގެ މަންމަ އާ ބައްޕަ އަދި ދޮންބައްޕަ. މިހާރު ހުރިހާ ކަމެއްގަ އަޅުގަނޑު އުޅެން. ކަސްޓަމަރުންނާ ވާހަކަ ދެއްކުމާ، އޯޑާ ނެގުމާ، ޕޭމަންޓް ކޮންފާމް ކުރުމާ އަދި ޑެލިވަރީ ވެސް،" އޭނާ ބުންޏެވެ.

ބޭކަރީ މަސައްކަތުގައި މިއަދު ދުންނަ ހުރި ހިސާބަށް އާދެވުމުގައި އަދި ކާމިޔާބުކަމާއެކު ފައިތިލަ ސާބިތު ކޮށްލެވުމުގެ ފަހަތުގައި އޭނާގެ އާއިލާ އަދި ގާތް ރައްޓެހިންގެ އަތެއްވާ ކަން އޭނާ އުފަލާއެކު ފާހަގަ ކުރި އެވެ.

ކެބިން ކްރޫއަކަށް އުޅެމުން ދުންނަ ފެށި ބޭކިންގެ މި މަސައްކަތް ވަރަށް ކާމިޔާބެވެ. އޭނާ އެދެނީ އޭނާ ފަދައިން ގިނަ ޒުވާނުން ބޭކިންގެ މަސައްކަތް ކުރަން ބޭނުން ނަމަ އެ މަސައްކަތުގެ ތެރެއަށް ނުކުތުމަށެވެ. ހިތްވަރުކޮށްފައި ކުރިމަތިލުމަށެވެ.