އަގުހެޔޮކޮށް ރީތި ހެދުމެއް ފެންނައިރަށް އެ ލާ ހިތުން އަވަހަށް ގަނެލަނީ އެވެ. ހަމަ އެ ފޯރީގައި، ނުވެސް ދޮވެ އެ ހެދުން ލަނީ އެވެ. ވަގުތު ނުވެގެން އުޅޭއިރު ނުވަތަ ކަންފަސޭހައަކަށް މިހެން ހަދާ ފަހަރު މަދުން ނަމަވެސް އާދެ އެވެ.
ފިހާރަތަކުގައި ހުންނަ ހެދުންތަކަކީ އެކި މީހުން އެ ލާން ބޭނުންކޮށްފައި ހުންނަ ހެދުންތަކަށް ވާތީ އެ ދޮންނަން ޖެހެނީ ކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. ނަމަވެސް ސަބަބަކީ އެއީއެއް ނޫނެވެ.
އަލަށް ހެދުމެއް ލާއިރު އެ ނުދޮވެ އޮތް ނަމަ އެލާޖިކް ކޮންޓެކްޓް ޑާމަޓައިޓިސް ވުން އެކަށީގެންވެ އެވެ. އެއީ ދިފާއީ ނިޒާމާ ގުޅުންހުރި އެލާޖިކް ރިއެކްޝަން އެކެވެ. އަދި އިންސާނާގެ ހަމުގައި ޖެހޭ އެއްޗެއްގެ ސަބަބުން އެ ރިއެކްޝަން އުފެދި ހަފްތާއަށްވުރެ ގިނަ ދުވަސް ވަންދެން އެކަމުގެ އަސަރު ހުރުން ވެސް އެކަށީގެންވެ އެވެ.
ޑިސްޕާސް ޑައި އަކީ ޕޮލިސްޓަރާއި ނައިލޯން ފަދަ ސިންތެޓިކް ފޮތި މެޓީރިއަލްގައި ބޭނުންކޮށްފައި ހުންނަ ޑައި ނުވަތަ ކުލަ އެކެވެ. އަދި އަލަށް ގަންނައިރު ނުދޮވެ ހުންނަ ހެދުންތަކުގައި އެ ޑައި ހުންނަ މިންވަރު ބައެއް ފަހަރު ގިނަ ވާނެ އެވެ. މި އެލާޖިކް ރިއެކްޝަން މި ވަނީ ހެދުން ދޮވެފައި ޑައިގެ އަސަރު ނުފިލުވާތީ އެވެ.
އެހެންކަމުން ދެން އާ ހެދުމެއް ގަންނަ ފަހަރަކު ދޮވެގެން ނޫނީ ނުލާން ހަނދާން ކުރާށެވެ.