މާލޭގެ ބާޒާރުމަތީ ސަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލުތަކަށް ދޭން ޖެހޭ ދެ އަހަރު ދުވަހުގެ ފައިސާ އަތޮޅު ކައުންސިލްތަކަށް ފިނޭންސް މިނިސްޓްރީން ހަވާލުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީއިން އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލުތަކަށް ދޫކޮށފައިވަނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ ފައިސާ އެވެ. އެގޮތުން 2016 ވަނަ އަހަރު އަތޮޅު ފިހާރަތަކުން 20 އަތޮޅަކަށް 17،911،570.88 ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި 2017 ވަނަ އަހަރަށްވާ 20،525،983.14 ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދިނުމަކީ ސަރުކާރުގެ މުހިންމު ވައުދެކެވެ. އެގޮތުން ގާނޫނަށް ގެނައި ބަދަލާ އެކު ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތް ސަރުކާރުން ވަނީ ފަހިކޮށްދީފަ އެވެ.

2014 ވަނަ އަހަރުން ފެށިގެން އަތޮޅު ފިހާރަތަކުން ރަށްރަށުގެ ކައުންސިލްތަކަށް އެއްވެސް ފައިސާއެއް ދޫކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ސަރުކާރުން އެފައިސާ ކައުންސިލްތަކަށް ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.