ގިނަ އަހަރުތަކެއް ވަންދެން ރައްކާ ކުރެވިފައިވާ ޑައިނަސޯ ބިހެއް ސައިންސްވެރިން ހޯދައިފި އެވެ.

ދެކުނު ޗައިނާގެ ގުއާންޒޫއިން ފެނުނު އެ ބިހަކީ މީގެ ގާތްގަނޑަކަށް 66 މިލިއަން އަހަރު ކުރިން އެ އަވަށުގެ ބިމު އަޑީގައި ވަޅުލެވިފައިވާ ބިހެއް ކަމަށް ސައިންސްވެރިން ލަފާ ކުރެ އެވެ.

ފެނުނު ބިހަކީ ދަތް ނެތް ތެރޮޕޮޑް ޑައިނަސޯއެއް ނުވަތަ އޮވިރެޕްޓޮރޮސޯ ބެލެވޭ އިރު އެއަށް ސައިންސްވެރިން މިހާރު ވަނީ "ބޭބީ ޔެންގިލިއަންގް"ގެ ނަމުން ނަން ދީފަ އެވެ.

މި ހޯދުމާއެކު ޑައިނަސޯއާއި ދޫނީގެ އާއިލާއާ އޮތް ގުޅުން ބޮޑަށް ސާފުވެގެން ދާނެ ކަމަށް މި ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވި ސައިންސްވެރިން ބުނެ އެވެ. ބިހުގައި ޑައިނަސޯ އޮތީ ދޫނީގެ ބިހުގައި ވެސް އޭގެ ޅަ އެތި އޮންނަ ގޮތަށް ކަމަށް އެ ބޭފުޅުން ބުނެ އެވެ.

ސައިންސްވެރިން ހޯދި ޑައިނަސޯ ބިސް

"މީގެން އެނގެނީ ދޫނި އާއިލާގެ އުޅުން ވާރުތަވެގެން އައީ ޑައިނަސޯތަކުގެ ފަރާތުން ކަން،" އެ ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ފިއޮން ވައިސަމް ވިދާޅުވި އެވެ.

ބޭބީ ޔިންގްލިއަންގްގެ ބޮޑުމިނުގައި 10.2 އިންޗި ހުރި އިރު އޭތި އޮތީ 6.7 އިންޗި ބޮޑުމިނުގެ ބިހެއްގަ އެވެ. އެ ބިސް މިހާރު އޮތީ ޗައިނާގެ ދާރުލް އާސާރެއްގަ އެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެ ބިސް ބިމުއަޑީގައި ރައްކާ ކުރެވެން މެދުވެރިވީ ބިންގަނޑު ކަހާލުމާއެކު ކިސަޑުތަކުގެ އަޑީގައި ވަޅުލެވިގެންނެވެ.

ފެނުނު ބިހުގެ ބޮޑު ބައެއް އަދިވެސް ގަލުން ފޮރުވިފައިވާއިރު ސައިންސްވެރިން ދަނީ އެޑްވާންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ޑައިނަސޯގެ ކަށިގަނޑު ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.