ނޮވެމްބަރު ތިނެއްގައި ރާއްޖެ އަށް ދިން ހަމަލާ އާއި ގުޅުވައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ދައްކަވަނީ ބުއްދި ގޯސް ވާހަކަތަކެއް ކަމަށް ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ހޫނު ރައްދެއް ދެއްވައިފި އެވެ.
ހަލީމްގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމު ފަރާތަކުން، ސުވާލު ކުރުމުން މަޖިލީހުގެ ކުރީގެ މެމްބަރު ޑީޑީ ވިދާޅުވީ ހަލީމް ދައްކަވަނީ ބުއްދި ގޯސް ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަވަމުން ގެންދަވަނީ ތަސައްރަފު ކެނޑިފައި ހުރުމުން ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.
"ހޭވެރިކަމާއި، ތަސައްރަފް ކެނޑިފައި ތިބޭ މީހުން ފެނޭ. މިވަރެއް ނުދެކެން" ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލުމުގެ އިސް އެއް ބަތަލު އެހެން ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ދޮންބިލެތް ހަލީމް ވަނީ ނޮވެމްބަރު ތިނެއް ގައި ތަމަޅައިން ރާއްޖެ އަށް ހަމަލާދިންއިރު ބައެއް ސިފައިން ސައިފަތް ފޮށިގަނޑު ތެރެއަށް އެރި ފިލައި ތިބިކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެ ދުވަހު ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާ ސިފައިން އައިސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ އެ ދުވަހުގެ ނާމާންކަމާއި ބިރުވެރިކަން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އޭރުގެ ދިފާއީ ބާރުގެ ތެރޭގައި ވަރަށް ހިތްވަރުގަދަ ޒުވާނުން ވެސް ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން ޝަހީދު ހުސެއިން އާދަމްގެ ނަން ފާހަގަކުރައްވަމުން ހަލީމް ވަނީ ސިފައިންގެ ތެރޭގައި އެންމެ ގިނައިން ފައިސާ ނަގައިގެން ޖެނެރަލުންނަށްވެފައި ތިބި މީހުން ސައިފަތް ފޮށިގަނޑު ތެރެއަށް އެރި ތިބި ކަމަށްވެސް ވިދާޅުވެފައެވެ.
"ދޮންނަ މެޝިނުގެ ފޮށިގަނޑު ތެރެއަށް އެރި ތިބި މީހުންވެސް. އޭރު ތިން ފަށް ޖަހާފައި ތިބި މީހުން ފަށް ވެސް ނައްޓާލައިގެން ތިބި، އެއީ ފަހަރެއްގައިވެސް ފެނިއްޖެއްޔާ އޭނާ ބޮޑު މީހެއް ކަމަށްވީމާ އަނިޔާކޮށްފާނެތީ. އެވަރުގެ ސިފައިންވެސް ތިބި އެނގޭތޯ" ހަލީމް ވިދާޅުވިއެވެ.