ތެހްރާން (25 ޑިސެމްބަރު) - އީރާނުގެ އަހަރީ އަސްކަރީ ޑްރިލްތައް ނިންމާލުމުގެ ގޮތުން ފޮނުވާލި ގިނަ ބެލިސްޓިކް މިސައިލްތަކަކީ އިޒްރޭލަށް ދިން އިންޒާރެއް ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

"މިފަހުން ބޭއްވުނު ހަރަކާތްތަކަކީ ޒައަނިސްޓް ދައުލަތްތަކުން ދޭ އިންޒާރުތަކަށް ރައްދު ދޭން ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ހަރަކާތްތަކެއް،" އީރާން އަސްކަރިއްޔާގެ ޗީފް މުހައްމަދު ބަގޭރީ ވިދާޅުވި އެވެ.

ބަގޭރީ އިތުރަށް ވިދާޅުވީ ކަނޑައެޅުނު އަމާޒަށް 16 ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާނެ ކަމަށާއި ގައުމެއް ފަނާކޮށްލެވޭނެ ފަދަ ގާބިލުކަން އީރާނުގެ އަސްކަރިއްޔާގައި ހުރިކަން މި ހަރަކާތުން އެނގިގެން ދާނެ ކަމަށެވެ.

"ދަ ގްރޭޓް ޕްރޮފެޓް"ގެ ނަމުން ނަން ދެވިފައިވާ މި އަސްކަރީ ހަރަކާތްތައް ފެށުނީ މިދިޔަ ހޯމަ ދުވަހު އެވެ. ފަސް ދުވަހަށް ދެމިގެން ދިޔަ މި ޑްރިލްގައި އީރާނުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

"މި ހަރަކާތްތަކަކީ ޒައަނިސްޓް ދައުލަތްތަކަށް ދެވޭ ވަރުގަދަ އިންޒާރެއް. ހެދޭ ކުޑަކުޑަ ގޯހަކުން ވެސް އަހަރުމެންގެ ފެންވަރު ފެންނާނެ،" އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސްގެ ޗީފް މޭޖާ ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވި އެވެ.

2015 ވަނަ އަހަރުގެ ނިއުކްލިާ އެއްބަސްވުން އިޔާދަ ކުރުމާ ދެކޮޅަށް އިޒްރޭލުން އަޑު އުފުލަމުންދާ މި ދަނޑިވަޅުގައި އެ ގައުމުން ވެސް ވަނީ އީރާނަށް ހަމަލާދޭނެކަމުގެ އިޝާރާތެއް މީގެ ކުރިން ކޮށްފަ އެވެ. -- އަލް އަރަބިއްޔާ