އިންޑިއާގެ ތައުލީމީ ވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ އިޖުތިމާއީ ހަރަކާތްތެރިޔާ ސޯނަމް ވަންގްޗުކްގެ ހާލަތު ގޯސްވުމާ ގުޅިގެން، ފުލުހުން އޭނާ ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.
އިންޑިއާގެ ތައުލީމީ ވަޒީރު ދަރުމެންދުރާ ޕްރަދާން އިސްތިއުފާ ދެއްވުމަށް ގޮވާލައި، އުމުރުން 59 އަހަރުގެ ވަންގްޗުކް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ. މިއީ މިއަހަރުގެ މެއި މަހު ބޭއްވި އިމްތިހާނުތަކެއްގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން، އެތައް މިލިއަން ދަރިވަރުންނަކަށް ކުރިމަތިވި މައްސަލައިގައި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން ކުރިއަށްގެންދާ އިހުތިޖާޖަށް ތާއީދުކުރުމުގެ ގޮތުން އޭނާ ކުރަމުންދާ ހަޅުތާލެކެވެ.
ދިއްލީ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހޮނިހިރު ދުވަހު ވަންގްޗުކްގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ކޮންމެހެން ދޭންޖެހޭ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން، އޭނާގެ ހާލަތު ބަލައި، ބޭނުންވެއްޖެ ނަމަ ފަރުވާ ދިނުމަށް ދިއްލީ ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފައިވެއެވެ. މިއީ އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ބަލިކަށިވަމުންދާތީ، މަޖުބޫރުން ނަމަވެސް އޭނާއަށް ކާނާ ދިނުމަށް އެދި ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ކޯޓުން ނިންމި ނިންމުމެކެވެ.
އިހުތިޖާޖު ކުރަމުންދާ ސީޖޭޕީ އިން ބުނާ ގޮތުގައި، ތައުލީމީ ވަޒީރު އިސްތިއުފާ ދެއްވުމަށާއި އިމްތިހާނުތަކުގެ ނިޒާމު އިސްލާހު ކުރުމަށް ބާރުއެޅުމުގެ ގޮތުން، މި މަހުގެ 20 ވަނަ ދުވަހު އިންޑިއާގެ ޕާލަމެންޓުގެ މަންސޫން ސެޝަން ފެށުމާ ދިމާކޮށް އެ ސަރަހައްދުގައި ހިނގާލުމެއް ބާއްވާނެއެވެ.
ލަޑާކް ސަރަހައްދަށް ނިސްބަތްވާ ވަންގްޗުކްއަކީ މި އިހުތިޖާޖުގެ މައި ތަނބެވެ. މިދިޔަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ލަޑާކްގައި ހިނގި ހަމަނުޖެހުންތަކުގައި މީހުންނަށް ހިތްވަރުދީ، ފިތުނަ އުފެއްދި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފަ އެވެ. އެ މައްސަލައިގައި ހަ މަސް ދުވަހު ޖަލުގައި ހުރުމަށްފަހު އޭނާ މިނިވަންވީ މިއަހަރުގެ މާޗް މަހު އެވެ. އޭނާ ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، އެ ހަމަނުޖެހުންތަކަކީ މަރުކަޒީ ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަމުގެ ނަތީޖާ ކަމަށް ބުނެފަ އެވެ.
ހަޅުތާލު ފެށިތާ ތިންވަނަ ދުވަހު ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ވަންގްޗުކް ބުނެފައިވަނީ، އޭނާގެ ފުރާނަ ނުދާހާ ހިނދަކު މި ހަޅުތާލު ހަ ހަފުތާއަށް ދެމިއޮންނާނެ ކަމަށެވެ. އަދި އޭނާ އުންމީދު ކުރަނީ ޑިމޮކްރެޓިކް ސަރުކާރަކުން ރައްޔިތުންގެ އިހުސާސްތައް އަޑުއަހައި، މިކަމަށް އެދެވޭ ހައްލެއް ގެނެސްދޭނެ ކަމަށެވެ.
މެލޭޝިޔާއިން ފެންނަ އިޒްރޭލު މީހުން ވަގުތުން ޑީޕޯޓްކުރަނީ
ހުޅުމާލޭގެ ގެސްޓްހައުސްއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ފޭސް 3 ގައި 1000 ފްލެޓް އަޅަން ފަސް ކުންފުންޏަކާ ހަވާލުކޮށްފި