މިއަހަރުވެސް މިއޮއް ނިމެނީ އެވެ. ނޭނގި ތިބެ ދުވަސްތައް ގުނަމުން ގޮސް ދެހާސް އެކާވީސް ވެސް ނިމި ދެހާސް ބާވީސް ކުރިމަތިލަނީ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިއަށް ބަލާލަމާ ހެއްޔެވެ؟ 2021އާ އަޅުގަނޑުމެން އެންމެންވެސް ކުރިމަތިލީ އެހެން އަހަރު ތަކެކޭވެސް އެއްފަދައިން އާ އުއްމީދު ތަކަކާއެކުގަ އެވެ.

އަހަރު ނިމެންވާ އިރަށް ޙާސިލް ކުރާނެ އާ އަޒުމުތަކެއް ހިތުލައިގެންނެވެ. އެއްބަޔަކު އަމާޒު ހިފީ ބަރުދަން ލުއިކޮށް ދުޅަހެޔޮ ސިއްޙަތެއް ހޯދާށެވެ. އަނެއްބަޔަކު ވަޒީފާގެ މައިދާނުގައި ކުރިއަރައި ޕްރޮމޯޝަން ތަކަށް ވާދަކުރިއިރު މި އަހަރު ތެރޭގައި ޒަވާޖީ ޙަޔާތެއް ފަށައި ދިރިއުޅުމެއް ހޯދަން ޤަސްދުކުރި ބަޔަކުވެސް އުޅޭނެ އެވެ.

މިއަދަކީ އަހަރުގެ އެންމެ ފަހު ދުވަހަށްވުމާއެކު މިއަހަރުގެ އުސްއަލިތަކަށް ނަޒަރު ހިންގާލަމާ ހެއްޔެވެ، އަހަރު ދުވަހަށް ކަނޑައެޅި ލަނޑުދަނޑިތަކަށް ތިބާއަށް ވާޞިލް ވެވުނު ހެއްޔެވެ؟ އަމާޒު ހިފި ކަންތައްތައް ތިބާއަށް ޙާސިލް ކުރެވުނު ހެއްޔެވެ؟

ދިރިއުޅުމުގައި ހުރިހާ ކަމެއް ތިބާ ބޭނުންވި ގޮތަށް ނުވެ ހިނގައިދާނެ އެވެ. ވަގުތާއި ޙާލަތު އެކަމަށް ތަން ނުދީފާނެ އެވެ. ތަޤުދީރުގެ ނިޔާގައި ތިބާއަށް ހީވެސް ނުކުރާފަދަ އިމްތިޙާނު ތަކެއް ކުރިމަތި ކުރުވަފާނެ އެވެ.

ވިސްނާލާށެވެ. ފާއިތުވެ ދިޔަ މި އަހަރުގެ ތެރޭގައި ކިތައް ކައިވެނި ރޫޅި ހިނގައްޖެ ހެއްޔެވެ؟ މަގުމަތީގެ ކިތައް އެކްސިޑެންޓް ވެ ކިހާ ބައައްގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެ ހެއްޔެވެ؟ ކިތައް ފުރާނަ އަޅުގަނޑުމެންނާ ވަކިވެ ހިނގައްޖެ ހެއްޔެވެ؟

އަޚުންނާއި އުޚްތުންނޭވެ! 2021 އަށް ތިބާ ކަނޑައެޅި ލަނޑުދަނޑިތައް ޙާޞިލް ނުވި ކަމުގައިވިޔަސް މާޔޫސް ނުވާށެވެ ތިބާއަށް ލިބިފައިވާ ނިޢުމަތް ތަކަށް ޝުކުރު ކުރާށެވެ ތިބާގެ ޖާގައިގައި ހުރުމަށްޓަކައި މުޅި ދުނިޔެ އަށް ފުރަގަސްދޭނެ ކިތަންމެ ބަޔަކު ވެއެވެ.

އާ އަޒުމަކާއި އުއްމީދަކާއެކު މި ފެށޭ އަހަރާވެސް ކުރިމަތިލާށެވެ. ﷲގެ ގަޟާޤަދަރަށް އީމާން ވާށެވެ. ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރު ކުރާށެވެ. އަމިއްލަ ނަފްސަށް ވަޤުތު ހުސްކޮށް ނަފްސާނީ ކުރިއެރުމަށް އިސްކަން ދޭށެވެ. ރަނގަޅު ސިއްޙީ އާދަތައް އަށަގަންނަވައި ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރަން މަސައްކަތް ކުރާށެވެ. އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހި ކުރާށެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ފަރުވާކުޑަ ނުކުރާށެވެ. އަބަދުވެސް މަރު ހަނދުމަ ކުރާށެވެ. ﷲ އިރާދަކުރެއްވިއްޔާ މިގޮތުގެ މަތިން މިފެށޭ އަހަރު ވާނީ ތިބާއަށް ބާއްޖަވެރި އަހަރަކަށެވެ.