އެއާ މޮރިޝަސްގެ މަތިންދާ ބޯޓެއްގެ ފާޚާނާ ތެރެއިން ވިހެއުމަށްފަހު އެއްލާލާފައިވާ ފިރިހެން ކުއްޖަކު ފެނިފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ޖެނުއަރީ މަހު އެއްވަނަ ދުވަހު މެޑްގަސްކާއިން ފުރައިގެން މޮރިޝަސްގެ ސީވަސުގަރު ރަމްގޫލަމް އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެ ފްލައިޓްގެ ފާހާނާ ތެރޭގައި ބަހައްޓާފައިހުރި ޑަސްބިންގެ ތެރެއިން އެކުއްޖާ ފެނިފައިވަނީ އެއާޕޯޓު އޮފިޝަލުން ފްލައިޓްގެ ރޫޓިން ޗެކްއަޕްއެއް ހަަދަނިކޮށެވެ.

މަތިންދާ ބޯޓު ތެރެއިން ފެނުނު ތުއްތު ކުއްޖާ

ފްލައިޓް ތެރޭގައި ވިހެއި ކަމަށް ޝައްކު ކުރެވޭ އަންހެން މީހާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު އޭނާ ވަނީ މަތިންދާ ބޯޓު ތެރޭގައި ވިހެއި ކަމަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް މެޑިކަލް ޓެސްޓުތަކަކަށްފަހު އޭނާ ވިހެއިކަން ވަނީ ޔަގީންވެފަ އެވެ.

ޑަސްބިނުން ކުއްޖާ ފެނުމާއެކު އޮފިޝަލުން ވަނީ ސަރުކާރު ހޮސްޕިޓަލަކަށް ކުއްޖާ ގެންގޮސް ސިއްހީ ފަރުވާ ދީފަ އެވެ. މަންމައާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވޯކް ވިސާއެއްގައި މޮރިޝަސްއަށް އެތެރެވި މެޑަގަސްކާއަށް ނިސްބަތްވާ އެ އަންހެން މީހާ ހޮސްޕިޓަލުން ދޫކޮށްލުމާއެކު މި މައްސަލައިގެ ތަހުގީގު ފެށޭނެ ކަމަށް ފުލުހުން ބުނެ އެވެ.