ތެލް އަވީވް (13 ޖެނުއަރީ) - އީރާނަށް ޖާސޫސް ކޮށްދިނުމަށް އިޒްރޭލުގެ ރައްޔިތުން ބޭނުންކުރާ ނެޓްވޯކެއް ހޯދިއްޖެ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އެގައުމުގެ އިދާރާތަކުން ބުނި ގޮތުގައި މި ނެޓްވޯކުގައި މަސައްކަތް ކުރި ފަސް މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ.

މި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި އެއް ފިރިހެނެކެވެ. މި ހުރިހާ މީހުންނަކީ ވެސް އިޒްރޭލަށް ހިޖުރަކުރި އީރާން ނަސްލުގެ ޔަހޫދީންނެވެ.

މި ޖާސޫސުން ވަނީ އިޒްރޭލުގައި ހުރި މުހިއްމު ސަރުކާރު އިމާރާތްތަކާއި ސަލާމަތީ ބާރުތަކުގެ އިމާރާތްތަކުގެ އިތުރުން ބޭރު ގައުމުތަކުގެ ކޮންސިއުލޭޓް އިމާރާތްތަކުގެ ފޮޓޯ ފައިސާގެ ބަދަލުގައި އީރާނުގެ އިދާރާތަކާ ހިއްސާ ކޮށްފައި ކަމަށް އިޒްރޭލް ޓައިމްސްގައި ރިޕޯޓު ކޮށްފައިވެ އެވެ.

އިޒްރޭލުގެ ޝިން ބެޓް އިންޓާނަލް ސެކިއުރިޓީ ސާވިސްގެ އޮފިޝަލަކު ވިދާޅުވީ އީރާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި ފަސްމީހަކު ހައްޔަރު ކުރެވި ތަހުގީގު ހިނގަމުން ދާ ކަމަށެވެ.

"މިހާތަނަށް ހޯދިފައިވާ ހެކިތަކުން ސާބިތުވަނީ އެމީހުން މަސައްކަތްކުރީ އީރާނުގެ އިންޓެލިޖެންސަށް ކަން،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގައި ހަރަކާތްތެރިވާ އީރާނުގެ ޖާސޫސީ ނެޓްވޯކްތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި ގައުމީ ސަލާމަތަށްޓަކައި މިފަދަ ނެޓްވޯކްތައް ހޯދައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. -- އަލް އަރަބިއްޔާ