ހޮލީވުޑްގެ އެކްޝަން ސުޕަސްޓާރު ޓޮމް ކްރޫޒް، މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދި އޮޑިސީ" ބެލުމަށްފަހު އެ ފިލްމަށް އިންތިހާއަށް ތައުރީފުކޮށް، ފިލްމުން އޭނާއަށް އެންމެ ފާހަގަ ކުރެވުނު ކަންކަން ހާމަކޮށްފި އެވެ.
ޔޫނާނީ ތާރީހީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ މި ފިލްމަކީ ޑޭމަން މެޓް، ޒެންޑާޔާ އަދި ޓޮމް ހޮލަންޑް ފަދަ ބޮޑެތި ތަރިން ހިމެނޭ ތަރިންގެ ބޮޑު ކާސްޓެއް ފެނިގެންދާ ފިލްމެކެވެ.
އާންމުކޮށް ވެސް ސިނަމާތަކަށް ގޮސް މީހުންގެ ތެރޭގައި ފިލްމު ބެލުމަށް ލޯބިކުރާ ޓޮމް ކްރޫޒް ބުނި ގޮތުގައި، ނޯލަންގެ މި ފިލްމަކީ ސިނަމާގެ ތަޖުރިބާ އޭގެ އެންމެ އުސްމިނަށް ގެންގޮސްދިން މާސްޓަޕީސް އެކެވެ.
"މިއީ ހަގީގަތުގައިވެސް ބޮޑު ސްކްރީނުގައި ބަލާލަންޖެހޭ ފަދަ ފިލްމެއް. ނޯލަން ވަނީ ސިނަމާގެ ކެމެރާ އުކުޅުތަކާއި، ވިޝުއަލް އިފެކްޓްސް އަދި ވާހަކަ ކިޔައިދިނުމުގެ ހުނަރު އެންމެ ފުރިހަމައަށް ބޭނުން ކޮށްފައި،" ކްރޫޒް ބުންޏެވެ.
ޓޮމް ކްރޫޒް ފާހަގަކުރި ގޮތުގައި ފިލްމުން އޭނާއަށް އެންމެ ބޮޑަށް އަސަރުކުރި ކަންކަމުގެ ތެރޭގައި މެޓް ޑޭމަން އަދި ޓޮމް ހޮލަންޑްގެ ކެރެކްޓަރު ތަކުގެ މެދުގައިވާ ގުޅުމާއި، ޒެންޑާޔާގެ ވަރުގަދަ އެކްޓިންގް ހިމެނެ އެވެ.
އެއާއެކު ސީޖީއައި މަދުން ބޭނުންކޮށް، ހަގީގީ މަންޒަރުތައް ނެގުމަށް ނޯލަން ކުރާ މަސައްކަތަށް އެކްޝަން ތަރި ކްރޫޒް ވަނީ ސާބަސް ދީފަ އެވެ.އައިމެކްސް
ފިލްމު ރެކޯޑު ކުރުމުގައި އައިމެކްސް ކެމެރާ ބޭނުން ކޮށްފައިވާ ގޮތުން ބެލުންތެރިން ފިލްމުގެ ތެރެއަށް ގެނބިގެންދާ ފަދަ އިހުސާސެއް ކުރެވޭކަން އޭނާ ފާހަގަކުރި އެވެ.
"ސިނަމާއަށް ދިރުން ދިނުމަށްޓަކައި ނޯލަން ކުރައްވާ މަސައްކަތަކީ ސިނަމާގެ ދާއިރާއަށް ލިބޭ ބޮޑު ކުރިއެރުމެއް. 'ދި އޮޑިސީ' އަކީ ކޮންމެހެންވެސް ބަލާލަންޖެހޭ ފިލްމެއް،" ކްރޫޒް އޭނާގެ ރިވިއު ނިންމާލަމުން ބުންޏެވެ.
ގަދަ އަވީގައި ވެސް ހޫނުނުވާ ހުދު ވެލީގެ ސިއްރު!
ދިރާގުފޯރި ލަކީޑްރޯގެ ފައިނަލް ރައުންޑްގައި ވާދަކޮށްގެން ޓީވީއެއް