މިޝިގަން ސްޓޭޓްގެ 92 ޕަސެންޓް ވޯޓު ގުނައި ނިމިފައިވާއިރު، އޭގެ ތެރެއިން 34،000 ވޯޓުގެ ތަފާތަކުން ރައީސް ޑޮނާލްޑް ޓްރަމްޕްގެ މައްޗަށް ޖޯ ބައިޑެން ކުރި ހޯއްދަވައިފި އެވެ.

މެއިލް އިން ލާފައިހުރި ވޯޓުތައް އަދި ގުނާފައި ނުވާއިރު، އެ ވޯޓުތައް ގުނާ ނިމުމުން ބައިޑެންގެ ލީޑު ފުޅާކޮށް މެޖޯރިޓީ ހޯއްދަވާނެ ކަމަށް ބެލެވެ އެވެ.

މިޝިގަންގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯސެލިން ބެންސަން ވިދާޅުވިގޮތުގައި ވަގުތީ ނަތީޖާ މިއަދުގެ ވަގުތެއްގައި އިއުލާނު ކުރައްވަން މަސައްކަތް ކުރައްވާ ކަމަށާއި ހުކުރު ދުވަހުގެ ކުރިން ދާއިމީ ނަތީޖާ އިއުލާނު ކުރައްވާނެ އެވެ.

އެންމެފަހުގެ ނަތީޖާތައް ދައްކާގޮތުން މިހާތަނަށް ބައިޑަންވަނީ 238 އިލެކްޓޯރަލް ވޯޓު ޔަގީންކުރައްވާފަ އެވެ. ރައީސް ޓްރަމްޕަށް ޔަޤީންވެފައިވަނީ 213 ވޯޓެވެ. އިންތިޚާބުގައި މޮޅުވާން އިލެކްޓޯރަލް ކޮލެޖު ވޯޓުގެ 270 ވޯޓު ބޭނުންވެ އެވެ.