ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެ މަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވިކަން އިއުލާންކުރެއްވީ މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގަ އެވެ.

"އަޅުގަނޑު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ، އެކަން އެނގުނީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ރޭގަ ޕީސީއާރް ހެދުމުން. މާތް ﷲގެ ރަޙްމަތްފުޅުން ޙާލު ރަނގަޅު. މިވަގުތު މިހިރީ ގޭގައި އެކަހެރިވެގެން،" ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

އެ މަނިކުފާނަށް ކޮވިޑް ޖެހިވަޑައިގެންނެވިއިރު، ހުންނެވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރައްވައިފަ އެވެ. ނަމަވެސް ބޫސްޓާ ޑޯޒް ޖެއްސެވިކަމެއް ޔަގީނެއް ނޫނެވެ.

ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވިއިރު، އެމަނިކުފާނާއި ސަރުކާރުގެ އިސްވެރިންތަކެއް މިއަދު ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމަށް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް މިހާރު އެމަނިކުފާނުގެ ދަތުރުފުޅު ވަނީ ކެންސަލް ކުރައްވައިފަ އެވެ.

ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓާއެކު ރާއްޖޭގައި ކޮވިޑްގެ ހަތަރު ވަނަ ރާޅެއް ދަނީ ވަރަށް ހަލުއިކަމާއެކު ފެތުރެމުންނެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލްކުރުމަށް މިހާތަނަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެއް ނުވެ އެވެ.

ފާއިތުވި ދެ ދުވަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 2،000 އިން މައްޗަށް ދިއުމަށްފަހު، އިއްޔެ ވަނީ 1،697 އަށް ދަށްވެފަ އެވެ.