ވ. އާރަށް މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާތަކަށް މިއަހަރުގެ ނޮވެމްބަރުގައި ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީކުރުމަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން ޔާމީނަށް ވަނީ ދެ ދައުވާއެއް ކޮށްފަ އެވެ.

އެ ރަށް ވަކި ބަޔަކަށް ދިނުމަށް ރިޝްވަރުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އެ ރުފިޔާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ކޮށްފައިވާއިރު، ޔާމީނަށް ކޮށްފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. އަދި ކްރިމިނަލް ކޯޓުން މި ދައުވާތަކުގެ އަޑުއިއްވުން ފަސްކޮށްފައި ވަނީ މިއަހަރުގެ ނޮވެމްބަރު 25 އަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ކުރިއަށްދާނެ ގޮތުގެ ތާވަލެއް ވެސް އެކުލަވާލާފައިވެ އެވެ. އަދި މި ތާވަލު އެކުލަވާލާފައިވަނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އިންކާރު ކުރައްވާނެ ކަމަށް ލަފާކޮށެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު ވ. ފެލިދޫ، ހަނދުވަރީގޭ، ޔޫސުފް ނައީމަށް ވެސް ދައުވާކޮށްފައިވެ އެވެ. އަދި އޭނާ މިފަހުން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އަޑުއެހުން ވަކިން ބާއްވަން ނިންމާފައިވާއިރު، އެ މައްސަލައިގައި އަންނަ މަހުގެ ދެވަނަ ދުވަހު އިބްތިދާއީ އަޑުއެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އާރަށުގެ އިތުރުން ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ކޯޓުން ހުކުމްކޮށްފައިވެ އެވެ. ނަމަވެސް ޔާމީނަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނު މިނިވަން ކޮށްފަ އެވެ.