މާލޭގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ އިއްޔެ ރޭ ބައްދަލުކުރައްވައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެއް ނުވާނެ ކަމަށާއި ވަޒީފާއާއި ގުޅޭ ގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ މަފްހޫމް އޮޅޭ ގޮތަށް އެ ޚަބަރު މީޑިއާތަކުން ގެނެސްދީފައި ވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

އެކަމާ ގުޅޭ ގޮތުން ޕީޕީއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެއް ނުވާނެ ކަމަށާއި ވަޒީފާ ދެއްވުމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުން ބާކީނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ ފަރާތްތަކަށް ވަޒީފާ ނުދެއްވާނެ ކަމަށް ކަމަށް ވިދާޅުވެފައި ނުވާއިރު، އެ ހުރިހާ ފަރާތްތަކަށް ވެސް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދެއްވާނެ ކަމަށެވެ.

"ރައީސް ޔާމީންއަކީ މިހާތަނަށް ރެކޯޑް ޢަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދަވާ، ވަކި ޕާޓީއެއް ބެއްލެވުމެއް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެކެވެ. މީގެ އިތުރުންވެސް، އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ހޯއްދަވައިދެއްވާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިގްތިސާދަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ވެސް ގެނެސްދެއްވި ލީޑަރެކެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމް އިން ބުނީ ޒުވާނުންނާއި އަލަށް ކައިވެނި ކުރާ ކުދިންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަށް ވެސް ހާއްސަ ސަމާލުކަމެއް ދެއްވާ، ރާއްޖޭގެ އެކި ހިސާބުގެ ބިން ހިއްކާ ބޮޑުކުރެއްވުމުގެ މަސައްކަތައްތައް ކުރިއަށް ގެންދަވާ، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަންވެސް ކަށަވަރުކޮށްދެއްވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަން ފާހަގަ ކުރާ ކަމަށެވެ. ހަމައެއާއެކު ރާއްޖެ މިހާތަނަށް ދެކެފައިނުވާ ތަރައްގީ މި ގައުމަށް ގެނެސް ދެއްވާފައިވަނީ ވެސް ރައީސް ޔާމީން ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

"އަދިވެސް އެ ތަރައްގީ މި ގައުމަށް ގެނެސްދެއްވާނީ ރައީސް ޔާމީނެވެ. ވަޒީފާ ދެއްވުމުގައިވެސް ދިވެހި ރައްޔިތުން ތަފާތު ނުކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް މި ފުރުޞަތުގައި ވެސް އަރުވަމެވެ." ޕީޕީއެމް އިން ބުނެފައިވެ އެވެ.