އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނާލްޑް ޓްރަމްޕް ފަހަތަށް ޖައްސާލުމަށް ފަހު ޕެންސިލްވޭނިއާ އިން ވެސް ޖޯ ބައިޑެން ލީޑް ހޯއްދަވައިފި އެވެ.

ޓްރަމްޕްގެ މައްޗަށް ބައިޑެން ކުރި ހޯއްދަވާފައި މިވަނީ 5،587 ވޯޓުގެ ތަފާތަކުންނެވެ.

ޕެންސިލްވޭނިއާގެ 20 އިލެކްޓޯރަލް ވޯޓު ކާމިޔާބު ނުކުރެވެންޏާ ދެން ކިތަންމެ ގިނަ ސްޓޭޓް އަކުން ހޮވި ވަޑައިގަތަށް ޓްރަމްޕަށް ވައިޓް ހައުސް ކަށަވަރެއް ނުވާނެ އެވެ.

ޓްރަމްޕަށް މި އިންތިޚާބު ކާމިިޔާބު ކުރެވުން ބިނާވެގެން ވަނީ މި ސްޓޭޓްގެ ނަތީޖާ އަށެވެ.

ބައިޑެން ވަނީ ޕެންސިލްވޭނިއާގެ އިތުރުން މުހިންމު ތިން ސްޓޭޓަކުން ވެސް ކުރި ހޯއްދަވައިފަ އެވެ. އެއީ ޖޯޖިއާ އާއި ނެވާޑާ އަދި އެރިޒޯނާއިން ވެސް ކުރި ހޯއްދަވައިފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ހަތަރު ސްޓޭޓް ކާމިޔާބުވެއްޖެ ނަމަ ބައިޑެން އަށް 306 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަންނަވާނެ އެވެ.

އެ ހަތަރު ސްޓޭޓްގެ ރަސްމީ ނަތީޖާ މިރޭ ވަގުތެއްގައި އިއުލާންކުރާނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެ އެވެ.