ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުން ހިދުމަތް އެންމެ ގިނައިން ބޭނުންކުރެއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްކަން ހާމަވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެންމެ ގިނައިން ވީއައިއޭގެ ވީއައިޕީ ލައުންޖުން ހިދުމަތް އެންމެ ގިނަ ހޯދިކަން ހާމަވެގެން ދިޔައީ މަޖިލީހުގެ މެންބަރުން ވީއައިޕީއަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެމައުލޫމާތު ހޯދުމަށް ސޯޝަލް އެކްޓިވިސްޓް އައިމަން ލަތީފު ހުށައެޅުމުންނެވެ.

އެ މައުލޫމާތު ދައްކާގޮތުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މަޖިލީހުގެ މެންބަރުންގެ ވީއައިޕީ ހަރަދުތަކަށް ޖުމްލަ 1.6 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.

މެންބަރުން ވީއައިޕީ ބޭނުންކުރެއްވި ގޮތުގެ ތަފްސީލްތަކަށް ބަލާއިރު ދަނގެތީ ދާއިރާގެ މެންބަރު ނާޒިމްގެ ވީއައިޕީ ދަތުރުތަކަށް މަޖިލީހުންވަނީ 103،622 ރުފިޔާ ހަރަދުކޮށްފަ އެވެ. ދެ ވަނަ އަށް އެންމެ ގިނައިން ވީއައިޕީގެ ހިދުމަތް ހޯދާފައިވަނީ ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން އެވެ. އެގޮތުން ޣައްސާންއަށް 87،894 ރުފިޔާ ހަރަދުކޮށްފައިވާއިރު ތިންވަނައަށް މި ހިދުމަތް އެންމެ ގިނައިން ބޭނުންކުރެއްވި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު އެވެ. އެއީ 86،043 ރުފިޔާ އެވެ.

މިހާރު އޮންނަގޮތުން މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލައުންޖް ބޭނުންކުރެވެ އެވެ. އަދި ލައުންޖް ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި އަށް މެމްބަރަކު ވީއައިޕީ ލައުންޖުގެ ހިދުމަތް އެއްވެސް ގޮތަކަށް ހޯއްދަވައިފައެއް ނުވެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހައިސިއްޔަތުން ވީއައިޕީ ބޭނުންނުކުރައްވާ މެންބަރުންގެ ތެރޭގައި، ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ.

އެ މެމްބަރުންނަކީ:

  1. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު (އެމްޑީޕީ)
  2. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (އެމްޑީޕީ)
  3. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (އެމްޑީޕީ)
  4. ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް (އެމްއެންޕީ)
  5. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު (އަމިއްލަ)
  6. ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް (އެމްޑީޕީ)
  7. ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު (އެމްޑީޕީ)
  8. ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު (އެމްޑީޕީ)

ކުރީގެ އުސޫލު ބަދަލުކޮށް، މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް މިހާރު ލިބޭ ލައުންޖު ހިދުމަތުގެ އިތުރުން އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭ ގޮތަށް އާންމު ކޮމިޓީން މިދިޔަ ސެޕްޓެމްބަރު މަހު ނިންމި އެވެ.