ބޮލީވުޑަށް މުޅިން އަލަށް ނިކުތް އަހާން ޝެޓީ، އޭނާގެ ބައްޕަ ސުނިލް ޝެޓީގެ ފިލްމުތައް ކުޅެން ބޭނުންވާ ކަމަށް ބުނެފި އެވެ.

އަހާން އެންމެ ފުރަތަމަ ބޮލީވުޑަށް ޑެބިއުޓް ކޮށްފައިވަނީ ފިލްމު "ތަޅަޕް" އިންނެވެ.

ތަޅަޕްއިން އަހާން ލީޑް ރޯލުން ފެނިގެންދާއިރު، ބެލުންތެރިންނަށް އަހާންގެ އެކްޓިން ވަނީ ކަމުގޮސްފަ އެވެ. އަދި އޭނާގެ އިތުރު ފިލްމުތައް ބަލައިލަން ލިބޭނެ ކަމަށް އުންމީދުކުރާކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

އެގޮތުން އިންޑިއާގެ ނޫސްތަކަށް މައުލޫމާތުދެމުން އަހާން ބުނީ، ބައްޕަގެ ފިލްމުތަކުގެ ރިމޭކް އެއްގައި ކުޅެން އެންމެ ބޭނުންވަނީ "ބޯޑާ" އާއި "ދަޅުކަން" ކަމަށެވެ.

އެދެ ފިލްމުތަކަކީ އަހާން ވަރަށް ލޯބިކުރާ ފިލްމުތަކެއް ކަމަށާއި، އެފިލްމުތަކުގެ ރިމޭކެއް ހަދާނަމަ، އޭގެ ރޯލެއް ކުޅެލަން ލިބުމަކީ އޭނާ ވަރަށް އެދޭ ކަމެއް ކަމަށް އަހާން ވަނީ ބުނެފަ އެވެ.

2000 ވަނަ އަހަރު ނިކުތް ދަޑްކަން އަކީ އަކްޝޭ ކުމާރާއި، ސުނިލް ޝޭޓީގެ އިތުރުން ޝިލްޕާ ޝޭޓީފަދަ ބޮލީވުޑްގައި ފުންނާބު އުސް އެކްޓަރުން ކުޅެދީފައިވާ ފިލްމެކެވެ. އެއަހަރުގައި ފިލްމު ދަޑުކަން ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި ހިޓް ވެފަ އެވެ.

އޭގެ އިތުރުން 1997 ވަނަ އަހަރު ނެރުނު ފިލްމު ބޯޑާ ވެސް ވަނީ އެ އަހަރުތަކުގެ އެންމެ މަގުބޫލުކަން ހޯދި ފިލްމުގެ ލަގަބު ހޯދާފަ އެވެ. އެ ފިލްމަކީ، އިންޑިއާއާ، ޕާކިސްތާނުގެ މެދުގައި އޮތް ހަނގުރާމައިގެ ތެރެއިން ހިނގައިދިޔަ ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.