އަންނަ މޭމަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ، ޓީޗަރުންގެ މުސާރައަށް މިގެނެވޭ ބަދަލައެކު، ގުރޭޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12،628 ރުފިޔާއިން 19،740 ރުފިޔާއަށް ބޮޑުވެގެން ދާނެ ކަމަށެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ރައިސް ސޯލިހު މިއަދު ރައްޔިތުންގެ މަޖިލިހަށް އިއްވެވި ރިޔާސީ ބަޔާނުގައި، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުަރއްވަމުން ވިދާޅުވެފައި ވަނީ، ގައުމު ބިނާ ކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތެއް އަދާކުރަނީ ދަރިން ބިނާކުރާ އެނދުރުން ކަމަށެވެ. އެހެންކަމުން އެ މީހުންނަށް އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ މި ސަރުކާރުގެ މުހިންމު ވައުދެއް ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

"ނިމިދިޔަ އަހަރު 4،082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީން އަދި، 20 ޕްރިންސިޕަލަކަށް މާސްޓަސް ފެންވަރަށް ތަމްރީންވުމަށް ރާއްޖެއިން ބޭރުން ފުރުސަތު ހޯދާދެވިއްޖެ. މިކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ. ސްކޫލްތައް އެއްދަންފަޅިއަށް ބަދަލު ކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތް ސަރުކާރުން މިދަނީ ބިނާ ކުރަމުން. މި ދައުރުގާ 23 ސްކޫލެއް އެއްދަން ފަޅިއަށް މުޅިން އަލަށް ބަދަލު ކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރު 22 ސްކޫލެއްގާ 117 ކްލާސް ރޫމާ ހަ މަލްޓިޕާޕަސް ހޯލް އިމާރާތްކޮށް ނިންމުނު ކަމަށެވެ. އަދި އިތުރު 55 ސްކޫލެއްގާ 473 ކްލާސްރޫމާ 27 މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ހިނގަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަމަށް ޖުމްލަ 941 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ސާލިހުވަނީ، ސަރުކާރުން މިހާތަނަށް ކުރިޔަށް ގެންދަވާފައިވާ ތަރައްގީގެ މަޝްރޫޢުތަކުގެ ތަފްސީލުތައް ހާމަ ކުރައްވަމުން، ކުރިޔަށް އޮތް ތަނުގައި ސަރުކާރުން ކުރިޔަށް ގެންދަވާނެ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށާއި އަދި ރައްޔިތުންގެ ދުޅަހެޔޮކަމަށް ސަރުކާރުން ތަންފީޒު ކުރައްވާނެ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާފަ އެވެ.